05 Jun 2026, 16:21
ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ މަގާމުން އެކަހެރިކޮށްފިއެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި، ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ތިނަދޫގެ ރައީސަކަށް އިންތިޚާބުވި ޝުޖާއު މަގާމުން އެކަހެރިކުރީ އެމްޑީޕީއަށް ބަދަލުވުމުންކަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ އަންގާފައެވެ.
އެހެންވެ، އެލްޖީއޭގެ ބޯޑުން ވަކި ގޮތެއް އަންގަންދެން ޝުޖާއު އެ މަގާމުން އެކަހެރިކޮށް، ގޭގައި މަޑުކުރަން އަންގާފައިވާކަން އެނގިފައިވެއެވެ.
ޝުޖާއު މަގާމުން އެކަހެރިކުރިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި، ޑިމޮކްރެޓްސްއަކީ 3،000 މެންބަރުން ހަމަނުވާ ޕާޓީއަކަށް ވާތީ ވަރަށް ފަހުން އެ ޕާޓީ ވަނީ އުވާލާފައެވެ.
އެ ޕާޓީ އުވުމުގެ ކުރިން ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ބެލެވޭ ގޮތުގައި ޝުޖާއު އަލުން އެމްޑީޕީއާ ގުޅުނީ ޑިމޮކްރެޓްސް އުވާލުމުންނެވެ.