ރިސޯޓް ބަނޑޮހުގައި މި މަހުގެ 24 އިން 26 އަށް ބާއްވާ ސާކް ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖެއިން ސައިބަ ކްރައިމްއާ ބެހޭ ކަރުދާހެއް ރާއްޖެ އިން ހުށަހަޅާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސަލީމް މިއަދު ވިދާޅުވީ ސައިބަ ކްރައިމާބެހޭ ކަރުދާހެއް ރާއްޖެއިން ހުށަހަޅަނީ އެފަދަ ކުށްތައް ހުއްޓުވާނެ ނެޓްވޯކެއް ގާއިމްކުރުމަށް ކަމަށެވެ. މިއީ ސައިބާ ކްރައިމާ ބެހޭ ގޮތުން ސާކް ގައުމުތަކުގެ މެދުގައި ބަހުސް ކުރާ ފުރަތަމަ ފަހަރު ކަމަށާއި މި މައްސަލަ ސާކް ގައުމުތަކުގެ ސަމާލު ކަމަށް ގެންނަނީ ރާއްޖެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ބައްދަލުވުމުގައި ޓެރަރިޒަމާއި ކަނޑުފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭގޮތުން ވެސް ވާހަކަ ދެކެވޭނެ ކަމަށާއި މިފަހަރުގެ މި ބައްދަލުވުމަކީ ރާއްޖެއަށް ވަރަށް ހާއްސަ ބައްދަލުވުމަކަށްވާއިރު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ވެސް ރާއްޖެއިން ކަމަށެވެ.

މި ބައްދަލުވުމުގައި ދިވެހިންނަށް އިންޑިޔާ އަށް ދިއުމަށް ވިސާ ހޯދަން ދިމާވެފައިވާ ދަތިތަކާއި ބެހޭ ގޮތުން އިންޑިޔާގެ ހޯމް މިނިސްޓަރާއި މަޝްވަރާ ކުރުން ވެސް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.