ރައްޔިތުންގެ އަގުލަބިއްޔަތުން ލިބިގެން މެނުވީ އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމުގެ ސިޔާސަތެއް ނުގެންގުޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.

ކުދި ރަށްރަށުން ބޮޑެތި ރަށްރަށަށް މީހުން ބަދަލުކުރުމަށް ހިންގާ، "އެއްފަސްކުރުމުގެ" ސިޔާސަތު މި ސަރުކާރުން ތަންފީޒު ކުރާނެ ގޮތް ހާމަކުރުމަށް ރައީސް އޮފީހުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނަނީ އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އެރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ރުހުމުގައި އެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމުގެ ކުރިން ރައްޔިތުންނާއި މަޝްވަރާކޮށް ރައްޔިތުންގެ ހިޔާލު ވަރަށް ފުޅާ ދާއިރާއެއްގައި ހޯދާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

"ސަރުކާރުން މިހާރު ހިންގަވާ ޕްރޮގްރާމްގެ ދަށުން، އެއްރަށުން އަނެއް ރަށަށް މީހުން ބަދަލު ކުރާއިރު، ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލު ސަރުކާރުން ހޯދާނެކަމާއި، ރައްޔިތުންގެ އަޣުލަބިއްޔަތު އޮތް ގޮތަކަށް މެނުވީ އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމުގެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭނެ ވާހަކަ ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.

އަދި ބުނަނީ ސަރުކާރުން އެފަދަ މަޝްރޫއެއް ހިންގާނީ އެކަމުގެ ފަންނީ މީހުންގެ އެހީގައި އެފަދަ ޕްރޮޖެކްޓެއް ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު އޭގެ ނަތީޖާގެ މައްޗަށް ބެލުމަށް ފަހު ކަމަށާއި އެކަމުގެ އިތުރު ފަރާތްތަކުގެވެސް މަޝްވަރާ އާއި ލަފާހޯދައިގެން ކަމަށެވެ.

"ސަރުކާރުން، ހިންގަވާ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރަމުން ގެންދަވަނީ، ސަރުކާރުން ވަރަށް ބޮޑެތި ދިރާސާތަކެއްކޮށް، މިދިރާސާތަކުގެ ނަތީޖާއަށް ބަލައި، އެކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާވެސް ހޯދުމަށް ފަހުގައެވެ،" ބަޔާނުގައިވެ އެވެ.

ރައީސް އެޮފީހުން އެއްފަސްކުރމުގެ ބަޔާނެއް އާންމުކޮށްފައިމިވަނީ ރިނބިދޫ މީހުން އެހެން ރަށަކަށް ބަދަލުކުރާކަމަށް ބުނެ މިދިޔަ ހަފްތާ އެރަށުގައި މުޒާހަރާކޮށްފައި ވަނިކޮށެވެ.

ރައީސް ބްރެޒިލްގެ ރިއޯސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން މިދިޔަ ޖޫންމަހުގެ ތެރޭގައި ވިދާޅުވެފައިވަނީ؛" ބޮޑެތި ރަށްރަށުގައި އާބާދީ ގާއިމުކޮށްގެން މިހާރަށް ވުރެ ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ ގޮތަކަށް ރާއްޖޭގެ ތަރައްގީ ބައްޓަން ކޮށްގެން ކުރިޔަށް އޮތް އަހަރުތަކުގައި ގެންދިއުން މި ގައުމަށް އޮތް ހައްލު،" ކަމަށެވެ. އަދި ވިދާޅުވެފައިވަނީ އެއްފަސް ކުރުމުގެ ސިޔާސަތު މިހާރަށް ވުރެ ބޮޑަށް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

އެއްފަސްކުރުމުގެ ސިޔާސަތު ފެށީ ރައީސް މައުމޫންގެ ވެރިކަމުގަ އެވެ. އޭރު ގިނަ ރަށްރަސުން މީހުން އާބާދީ ބޮޑެތި ރަށްތަކަށް ބަދަލުކުރި އެވެ. ނަމަވެސް އެ ސިޔާސަތު ތަންފީޒު ކުރުން ރައީސް މުހަންމަދު ނަޝީދުގެ ތިން އަހަރުގެ ދައުރުގައި މަޑުޖައްސާލި އެވެ.