ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް, މިނިސްޓަރު ފެންވަރުގައި އަނެއްކާ ވެސް ރައީސް އޮފީހުގެ މަގާމަކަށް އައްޔަން ކުރައްވައިފިއެވެ.

ނިމިދިޔަ ހަފުތާގެ ތެރޭގައި, މިނިސްޓަރެއްގެ ފެންވަރުގައި ނާޒިމް އައްޔަން ކުރައްވާފައި ވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި ނާޒިމް މި ސަރުކާރުގައި ފުރަތަމަ ހުންނެވީ ރައީސް އޮފީހުގެ އިސް މަގާމެއްގައެވެ. އެ މަގާމުގައި ހުންނަވަނިކޮށް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވީ ސެޕްޓެމްބަރު 30, 2024ގައެވެ.

ނާޒިމް ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރެފަރަންޑަމް ވޯޓްގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ރައީސް ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި އެ މަހުގެ 14 ވަނަ ދުވަހުއެވެ.

ގިނަ މިނިސްޓަރުންތަކެއް އެ ދުވަހު އިސްތިއުފާ ދެއްވިއިރު އޭގެ ތެރެއިން ބައެއް ބޭބޭފުޅުންނަށް މަގާމުތައް އަންނަނީ ދެއްވަމުންނެވެ. އެގޮތުން ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރަށް ސަފީރަކަށް އައްޔަން ކުރައްވަން ނިންމަވާފައިވާއިރު, އެންވައިރޮމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމް ޔޫއޭއީގެ ސަފީރަކަށް އައްޔަން ކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.