05 Jun 2026, 11:20
އިންޑޮނޭޝިއާގެ ފައިސާ ކަމަށްވާ ރުޕިއާގެ އަގު، އެމެރިކާ ޑޮލަރާ އަޅާބަލާއިރު ތާރީޚުގައިވެސް ނުވެއްޓޭހާ ދަށަށް ވެއްޓިއްޖެއެވެ.
ބުރާސްފަތި ދުވަހު ޑޮލަރެއްގެ އަގު ވަނީ 18،028 ރުޕިއާއަށް އަރާފައެވެ.
މިގޮތަށް ފައިސާގެ އަގު ވެއްޓިފައިވަނީ ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލުމާ ގުޅިގެންނެވެ. މަރުކަޒީ ބޭންކުން ފައިސާގެ އަގު ހިފެހެއްޓުމަށް ފަހުގެ ތާރީޚެއްގައި މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ހަކަތައިގެ މައްސަލަތަކުގެ ނޭދެވޭ އަސަރު، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ އިގުތިސާދަށް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. ޚާއްސަކޮށް އިންޑޮނޭޝިއާއާއި ފިލިޕީންސް ފަދަ، ބޭރުން ހަކަތަ އެތެރެކުރާ ގައުމުތަކަށް މިކަމުގެ ބުރަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ވިޔަފާރީގެ ބެލެންސަށް އައިސްފައިވާ މި ބަދަލުތަކުގެ ސަބަބުން، ގައުމުން ބޭރަށް ފައިސާ ދައުރުވާ މިންވަރު އިތުރުވެ، ފައިސާގެ އަގު ދަށަށް ދިއުމަށް ވަނީ މަގުފަހިވެފައެވެ.
ގަލްފުގެ ސަރަހައްދަށް ބުދަ ދުވަހު ދިން ހަމަލާތައް އިތުރުވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އެއް އިންސައްތައަށް ވުރެ މައްޗަށް އުފުލިފައެވެ. މީގެ އިތުރުން، ސަރަހައްދީ އިގުތިސާދަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވެފައިވަނީ، މަޖުބޫރުން މަސައްކަތް ކުރުވުމުގެ މައްސަލަތަކާ ގުޅިގެން ކަމަށް ބުނެ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ސިންގަޕޫރު ހިމެނޭ ގޮތަށް 60 ގައުމަކުން އެތެރެކުރާ މުދަލުން 10 އިންސައްތަ ނުވަތަ 12.5 އިންސައްތައިގެ އިމްޕޯޓް ޑިއުޓީއެއް ނެގުމަށް އެމެރިކާއިން ހުށަހެޅުމާ ގުޅިގެންނެވެ.
ޕަރްމާޓާ ބޭންކުގެ ޗީފް އިކޮނޮމިސްޓް ޖޯސުއާ ޕަރްޑޭޑޭ އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވާ ގޮތުގައި، ޑޮލަރެއްގެ އަގު 18،000 ރުޕިއާއަށް އެރުމަކީ މާކެޓުގައި ހަރަކާތްތެރިވާ އިންވެސްޓަރުންނަށް ބޮޑު އަސަރެއް ކުރުވާނެ މިންގަނޑެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރުޕިއާގެ އަގު ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ބޮޑުވުމާއި، ވިޔަފާރީގެ އަރަނި ކުޑަވުމުގެ ސަބަބުން ޑޮލަރަށް އޮތް ޑިމާންޑު އިންތިހާއަށް ބޮޑުވުމެވެ. އިންޑޮނޭޝިއާއަކީ ގިނަ އަދަދަކަށް ތެޔޮ އެތެރެކުރާ ގައުމަކަށް ވުމުން، ސާފުނުކުރާ ތެލުގެ އަގު އުފުލުމުގެ ގެއްލުން އެ ގައުމަށް ވަރަށް ބޮޑެވެ. އެހެންނަމަވެސް، އާންމު ރައްޔިތުންނަށް ލުއިކޮށްދިނުމުގެ ގޮތުން ސަބްސިޑީ ދީފައިވާ ތެލުގެ އަގުތަކަށް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ޖޯސުއާ ވިދާޅުވި ގޮތުގައި، އިންޑޮނޭޝިއާގެ ވިޔަފާރީގެ އަރަނި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މާޗު މަހު 3.3 ބިލިއަން ޑޮލަރުގައި ހުރި ވިޔަފާރީގެ އަރަނި، އޭޕްރީލް މަހު ވަނީ 89 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. މީގެ ސަބަބުން އިންޑޮނޭޝިއާގެ ބާޒާރުގައި ޑޮލަރު ލިބެން ހުރި މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
"މުދަލުގެ ވިޔަފާރިން ލިބޭ ޑޮލަރުގެ މިންވަރު ދަނީ މަދުވަމުން. ނަމަވެސް ހަކަތަ އެތެރެކުރުމަށާއި، ރޯ މެޓީރިއަލް ގަތުމަށާއި، ޑިވިޑެންޑް ދިނުމަށާއި، ބޭރުގެ ދަރަނި ދެއްކުމުގެ އިތުރުން އެހެން ބޭނުންތަކަށް ޑޮލަރު ބޭނުންވާ މިންވަރު އަދިވެސް ހުރީ ވަރަށް މަތީގައި." ޖޯސުއާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ބޭންކް އިންޑޮނޭޝިއާއިން ލޯނު ދޫކުރާ ރޭޓު ބޮޑުކުރުމާއި، މާކެޓަށް ވަދެ ކުރާ މަސައްކަތްތަކުން އެކަނި ރުޕިއާގެ އަގު އިޔާދަނުކުރެވެނީ މި ސަބަބާ ހުރެ ކަމަށެވެ. ފައިސާގެ އަގު ހިފެހެއްޓުމަށާއި އިންފްލޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި، މަރުކަޒީ ބޭންކުން ވަނީ ފާއިތުވި މަހު އިންޓަރެސްޓް ރޭޓު 5.25 އިންސައްތައަށް ބޮޑުކޮށްފައެވެ. މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ރޭޓު ބޮޑުކުރި ފުރަތަމަ ފަހަރެވެ.
މަރުކަޒީ ބޭންކުގެ ތަރުޖަމާނު ރަމްދާން ޑެނީ ޕްރަކޯސޯ ވިދާޅުވި ގޮތުގައި، ބޭރު ފައިސާގެ ލިކުއިޑިޓީ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި ލިބެން ހުރި ހުރިހާ ސިޔާސަތުތަކެއް ބޭނުންކުރަމުން ގެންދާނެއެވެ. މީގެ އިތުރުން، ބޭންކް އިންޑޮނޭޝިއާއިން ވަނީ ޑޮލަރު ގަތުމުގެ އުސޫލުތައްވެސް ހަރުކަށިކޮށްފައެވެ. އެގޮތުން، މެއި މަހުން ފެށިގެން، މަހެއްގެ މައްޗަށް 25،000 ޑޮލަރަށްވުރެ ގިނައިން ގަންނަ ފަރާތްތަކުން، އެ ފައިސާ ބޭނުންވާ ސަބަބު އަންގައިދޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.