އަލިފާން ރޯވި ދިއްލީ ހޮޓަލުގެ ވެރިޔާ، ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި
އަލިފާން ރޯވި ދިއްލީ ހޮޓަލުގެ ވެރިޔާ، ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި

މިދިޔަ ބުދަ ދުވަހު އަލިފާން ރޯވި އިންޑިއާގެ ނިއު ދިއްލީ ހޮޓަލުގެ ވެރިޔާ ހައްޔަރުކޮށްފިއެވެ.

އެކާވީސް މީހުން މަރުވި އެ ހާދިސާގައި ހައްޔަރުކުރީ ފްލަރިޝް ސްޓޭ ބެޑް އެންޑް ބްރޭކްފާސްޓް ހޮޓަލުގެ ވެރިޔާ ލަވްކޭޝް ބަޖާޖްއެވެ. ބަޖާޖް ހައްޔަރުކުރީ ދިއްލީގެ މަލްވިޔާ ނަގަރުގެ ތޮއްޖެހިފައިވާ ހައުޒް ރާނީ ސަރަހައްދުގައި ހުރި އިމާރާތުގައި އަލިފާން ރޯވިތާ ގަޑިއެއްހާއިރު ފަހުންނެވެ.

ތަހުގީގުގައި ބަޖާޖް ވަނީ ފަސް ފަންގިފިލާގެ އިމާރާތުގައި އަލިފާން ރޯވެ އަލިފާނުގެ ހާދިސާއިން ސަލާމަތްވާން މީހުން މަސައްކަތް ކުރަމުން ދަނިކޮށް އެތަނުން އޭނާ ފިލައިގެން ދިޔަ ކަމަށް އިއުތިރާފުވެފައެވެ.

ބަޖާޖް ބުނީ އަލިފާނުގެ ހާދިސާގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް އެހީތެރިވުމަށް މަޑުކުރުމުގެ ބަދަލުގައި އެތަނުން ފިލީ ބިރުން ކަމަށެވެ.

ބަޖާޖް ފިލައިގެން ދިޔަ ކަމަށް ޝައްކު ކުރެވުނީ އޭނާގެ ދެ ދަރިން ވެސް އިންޑިއާއިން ބޭރުގައި ވަޒަންވެރިވެފައިވާތީއެވެ. އެހެންވެ ބަޖާޖާއި އޭނާގެ އަންހެނުންނާ ދެކޮޅަށް ލޫކައުޓް ސާކިއުލާ (އެލްއޯސީ) ނެރުމުގެ މަސައްކަތް ދިއްލީ ޕޮލިހުން ފެށިއެވެ.

ހޮޓާ ހުރި އިމާރާތް ބަޖާޖު ގަތީ 2022 ގައެވެ. އެތަނުގައި ހޮޓަލެއް ހެދުމުގެ ކުރިން ފިހާރައެއްވެސް ހިންގިއެވެ. އޭރުވެސް އެ އިމާރާތް ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާ ކަމަށް ބަޖާޖު ބުންޏެވެ.

ތަހުގީގުން އެނގިފައިވާ ގޮތުގައި ބަޖާޖު ފުރަތަމަ ވިޔަފާރި ފެށީ ދެ ފަންގިފިލާގެ އިމާރާތެއްގައެވެ. ފަހުން އިތުރު ދެ ފަންގިފިލާ ވަނީ އިތުރުކޮށްފައެވެ.

ބަޖާޖު ވަނީ 'ބީއެންބީ' (ބެޑް އެންޑް ބްރޭކްފާސްޓް) ސްކީމްގެ ދަށުން ލައިސަންސް ހޯދާފައިވާކަން ކަށަވަރުކޮށްދީފައެެވެ. އެ ސްކީމްގެ ދަށުން ހުއްދަ ދީފައިވަނީ އެންމެ ހަ ކޮޓަރި އަށެވެ. ނަމަވެސް ބިންގަރާހުގައި ކޮޓަރި ހަދައިގެން ޖުމްލަ 25 ކޮޓަރިއަށް ބަޖާޖު ޚިދުމަތް ދިން ކަމަށް ތުހުމަތުކުރެވެއެވެ.

އަލިފާނުން ސަލާމަތްވާން މީހަކު އިމާރާތެއްގެ މަތީ. ފޮޓޯ/އެންޑީޓީވީ

ބަޖާޖަކީ ބީ އެންޑް ބީގެ ހަމައެކަނި ވެރިޔާ ނަމަވެސް އޭނާ ވަނީ މުޅި މެނޭޖްމަންޓް ޖައި މިޝްރާއާ ހަވާލުކޮށްފައެވެ. އަދި ހުރިހާ ހޮޓަލެއްގެ ލައިސަންސް ވެސް ދޫކޮށްފައި ވަނީ ޖައި މިޝްރާގެ ނަމުގައި ކަމަށް އޭނާ ބުންޏެވެ. ފުލުހުން އަންނަނީ މިޝްރާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އަލިފާން ރޯވީ ކިހިނެއް؟

އިމާރާތުގައި އަލިފާން ރޯވީ ޝޯޓް ސާކިއުޓެއްގެ ސަބަބުން ކަމަށް ބުނި ނަމަވެސް ބައެއް މަސްދަރުތަކާ ހަވާލާދީ އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާން ރޯވީ ގޭސް ފުޅިއެއް ގޮވައިގެންނެވެ. އެ ހޮޓަލުގައި ހިންގަމުން ދިޔައީ ފަޔާ ނޯ އޮބްޖެކްޝަން ސެޓްފިކެޓް (އެންއޯސީ) އެއް ނެތިއެވެ.

އެ ހޮޓަލުގައި ދެ ބަދިގެ ހުއްޓެވެ. އެއް ބަދިގެ ބިންގަރާހުގައި ހުރިއިރު އަނެއް ބަދިގެ ހުރީ މަތީ ފަންގިފިލާގައެވެ. އެ ދެ ބަދިގޭގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ގެ ހަތަރު ސިލިންޑަރަށް ވުރެ ގިނަ ސިލިންޑަރު ރައްކާކޮށްފައި ހުއްޓެވެ.

ތަހުގީގުގެ ތެރެއިން ފުލުހުން ދަނީ ބީ އެންޑް ބީ އިން ސޭފްޓީ އުސޫލުތަކަށް އަމަލުކުރިތޯ ތަހުގީގު ކުރަމުންނެވެ. ފުރަތަމަ ތަހުގީގުން އެނގިފައިވާ ގޮތުގައި އެ އިމާރާތުގައި ނުކުންނަން އަދި ވަންނަން ހުރީ އެންމެ ޕޮއިންޓެއް ކަމުން ގެސްޓުންނަށް ބޭރަށް ނުކުތުމަށް ދަތިތަކެއް ކުރިމަތިވެއެވެ.

އަލިފާނުގެ ހާދިސާގައި ބިދޭސީން 12 މަރުވި

ހެނދުނު 8:30 ހާއިރު ބީ އެންޑް ބީގެ ބިންގަރާހުގައި އަލިފާން ރޯވެ އޭގެ ފަހުން މަތީ ފަންގިފިލާތަކަށް ވެސް ވަނީ ފެތުރިފައެވެ.

އަލިފާން ރޯވިއިރު ގިނަ ގެސްޓުން ތިބީ ނިދާފައެވެ. މި ހާދިސާގައި މަރުވެފައިވާ ކަމަށް ކަނޑައެޅި 21 މީހުންގެ ތެރެއިން 12 މީހުންނަކީ ބިދޭސީން ކަމަށް އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ.