ފިލްމު 'ޕެޑީ'ގައި ޖަންވީގެ ކެރެކްޓަރު ބެލުންތެރިންނަށް ކަމަކު ނުދިޔަ
ފިލްމު 'ޕެޑީ'ގައި ޖަންވީގެ ކެރެކްޓަރު ބެލުންތެރިންނަށް ކަމަކު ނުދިޔަ

އިއްޔެ ސިނަމާތަކުގައި ރިލީޒްކުރި ތެލުގޫ ފިލްމު "ޕެޑީ"ގައި ބޮލީވުޑް ބަތަލާ ޖާންވީ ކަޕޫރުގެ ކެރެކްޓާ ގެނެސްދިން ގޮތް ކަމުނުދާ ކަމަށް ބުނެ, ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކޮށްފިއެވެ.

ދެކުނު އިންޑިއާގެ އެންމެ މަގުބޫލު އެކްޓަރުންގެ ތެރޭ ހިމެނޭ ރާމް ޗަރަން ލީޑް ރޯލް ކުޅެފައިވާ ފިލްމު "ޕެޑީ"ގައި ޖާންވީ ކުޅެފައިވަނީ 'އަޗިއްޔައްމާ'ގެ ނަމުގައި ގެނެސްދިން ކެރެކްޓާއެކެވެ. ފިލްމުގައި ޖާންވީގެ ހަށިގަނޑުގެ ވަނާތައް ދައްކުވައިދިނުމަށް މާ ބޮޑަށް އިސްކަންދީ، ބަތަލާގެ ފަންނަށްވުރެ ބޮޑަށް ބޭރުފުށުގެ ސިފަތަކަށް ބުރަވެފައިވާތީ ގިނަ ބަޔަކު ވަނީ އެ ކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ.

އެކްސްގައި ޚިޔާލު ފާޅުކުރި މީހަކު ބުނެފައިވަނީ، ފިލްމުގެ އެކްޓިންއާއި މިއުޒިކް ވެސް މާ މައްޗަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް، އެންމެ ބޮޑު މައްސަލައަކީ ޖާންވީ ދައްކުވައިދީފައިވާ ގޮތް ކަމަށް އޭނާ ބުންޏެވެ.

ޒުވާން ބަތަލާގެ 'ކްލޯޒްއަޕް' މަންޒަރުތައް ދައްކުވައިދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ޖާންވީ އެފަދަ މަންޒަރުތައް ކުޅެން އެއްބަސްވީ ކީއްވެގެންކަމާ މެދު އެ މީހާ ވަނީ ސުވާލު އުފައްދާފައެވެ.

ފިލްމު "ޕެޑީ"ގެ ޕްރޮމޯޝަން ހަފްލާއެއްގައި ޖާންވީ، ރާމް ޗަރަން އަދި މިއުޒީޝަން އޭއާރް ރަހްމާން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ހަމައެއާއެކު މި ފިލްމުގައި ޖާންވީގެ ކެރެކްޓަރު ބައްޓަންކޮށްފައިވަނީ ވަރަށް ދަށު ދަރަޖައަކަށް ކަމަށާއި ބަތަލާގެ އެކްޓިން ހުނަރުގެ ބޭނުން އެއްވެސް ވަރަކަށް ހިފާފައި ނުވާ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

މި ފިލްމުގެ ޕްރޮމޯޝަން ތެރޭގައި ޑައިރެކްޓަރު ބުޗީ ބާބޫ ހާމަކޮށްފައިވާ ގޮތުގައި، ޖާންވީގެ ރޯލް އެންމެ ފުރަތަމަ ހުށަހެޅީ ބަތަލާގެ ކޮއްކޮ ޚުޝީ ކަޕޫރަށެވެ. ނަމަވެސް، ޚުޝީއާ ބައްދަލުވުމުން އެ ކެރެކްޓާއަށް އޭނާ މާ ޅަހެން ހީވާތީ، ފަހުން އެ ރޯލު ޖާންވީއަށް ދިނީ ކަމަށް ބުޗީ ވަނީ ބުނެފައެވެ.

މައިތުރީ މޫވީ މޭކާސްއާއި ސުކުމާރު ރައިޓިންގްސްއިން ޕްރެޒެންޓްކުރި މި ފިލްމުގައި ޝިވަ ރާޖްކުމާރު، ޖަގަޕަތީ ބާބޫ އަދި ދިވްޔެންދޫ ޝަރުމާ މުހިންމު ރޯލުތައް ކުޅެފައިވެއެވެ. ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ކުޅަދާނަ މިއުޒީޝަން އޭއާރް ރަހްމާނެވެ.

ފިލްމަކީ ޖުމުލަ ގޮތެއްގައި ބަލާލަން ރަނގަޅު ފިލްމެއް ކަމަށް ބައެއް ބެލުންތެރިން ބުނި ނަމަވެސް، ރާމް ޗަރަންއާއި ޖާންވީގެ ލޯބީގެ ބައިތަކުގައި ޖާންވީގެ ކެރެކްޓަރު ހަމައެކަނި ބަލާލަން ރީތި ކެރެކްޓާއެއްގެ ގޮތުގައި ބޭނުންކޮށްފައިވާތީ ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

މި ފިލްމަކީ ޖޫނިއާ އެންޓީއާރްއާ އެކު ކުޅުނު "ދޭވަރާ"އަށް ފަހު ޖާންވީ ކުޅުނު ދެވަނަ ތެލުގޫ ފިލްމެވެ.