އައިޝްވާރިޔާގެ ދިފާއުގައި މިފަހަރު މަދޫރީ
އައިޝްވާރިޔާގެ ދިފާއުގައި މިފަހަރު މަދޫރީ

މިދިޔަ މަހުގެ ފަހު ހަފުތާގައި ނިންމާލި މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްއަށް ފަހު، އިންޑިއާގެ ބަތަލާ އައިޝްވާރިޔާ ރާއީގެ އުމުރަށާއި ސިފައަށް ފާޑުކިޔައި، މަލާމާތްކުރި މީހުންނަށް ކަންގަނާ ރަނާވަތުގެ އިތުރުން މަޝްހޫރު ބޮލީވުޑް ތަރި މާދޫރީ ދިކްޝިތު ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ތެރޭގައި ހިމެނޭ އަދި އިންޑިއާގެ އެންމެ މުއްސަނދި ބަތަލާއިންގެ ތެރޭ ގުނާލެވޭ އައިޝްވާރިޔާއަކީ 2002 ވަނަ އަހަރު ސަންޖޭ ލީލާ ބަންސާލީގެ 'ދޭވްދާސް' ފިލްމާ އެކު ކާންސް ފިލްމް ފެސްޓިވަލަށް ތައާރަފުވި ފަހުން، އެ ފެސްޓިވަލްގެ ރެޑް ކާޕެޓުން ގަވާއިދުން ފެންނަ ފަންނާނެކެވެ.

އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ދުނިޔޭގެ މީޑިއާތަކާއި ބަތަލާގެ ސަޕޯޓަރުން އައިޝްވާރިޔާގެ ރީތިކަމާއި ފުރިހަމަ ހެދުން އެޅުމުގެ ހުނަރު ފެންނާނެ ވަގުތަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެއެވެ.

އައިޝްވާރިޔާ ރާއި ބައްޗަން މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލް ނިންމުމުގެ ހަފްލާގެ ރެޑް ކާޕެޓްގައި--ފޮޓޯ/އިންޑިއާޓީވީ

ނަމަވެސް، ފާއިތުވި އަހަރުތަކުގައި ސޯޝަލް މީޑިއާގެ ބައެއް ފަރާތްތަކުން ވަނީ އައިޝްވާރިޔާގެ ސިފައަށް ބޭއިންސާފުން ފާޑުކިޔައި، ބަތަލާގެ އުމުރާއި ހަށިގަނޑުގެ ބައްޓަމަށް މަލާމާތްކޮށް ހަޑިހުތުރު ބަސްތައް ރައްދުކޮށްފައެވެ.

މި އަހަރު ވެސް ކަންތައްވީ ހަމަ އެފަދަ ގޮތަކަށެވެ. މިފަދަ ފާޑުކިޔުންތަކަށް އައިޝްވާރިޔާ ދުވަހަކު ވެސް ރައްދެއް ދީފައި ނުވި ނަމަވެސް، ބަތަލާގެ ސަޕޯޓަރުންނާއި ފިލްމީ ދާއިރާގެ ގިނަ ބަޔަކު ވަނީ އެފަދަ މަލާމާތްކުރާ މީހުންނަށް ރައްދު ދީފައެވެ.

އެކްޓްރެސް އަދި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ކަންގަނާ ރަނާވަތަށް ފަހު، މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ވެސް މިވަނީ އައިޝްވާރިޔާގެ ދިފާއުގައި ނުކުމެފައެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އައިޝްވާރިޔާ ކޮށްދީފައިވާ ޚިދުމަތްތައް ބަލައިނުގަނެ، ހަމައެކަނި ބަތަލާގެ ބަރުދަނަށް ނުވަތަ އުމުރަށް ބަލައި ފާޑުކިޔާ މީހުންނަށް މަދޫރީ ވަނީ ވަރަށް ބޮޑަށް ރައްދު ދީފައެވެ.

"އައިޝްވާރިޔާ ކާން ފެސްޓިވަލަށް ދާތާ މިހާރު 20 އަހަރު ވެއްޖެ. އައިޝްވާރިޔާ ވަނީ މުޅި ގައުމު ފަހުރުވެރިކޮށްދީފައި. އެއީ ދުނިޔޭގެ ފެންވަރުގެ ތަރިއެއް. މިސް ވޯލްޑްގެ ހައިސިއްޔަތުން ވެސް އައިޝްވާރިޔާ ވަނީ ގައުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައި،" ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި 'ދޭވްދާސް' ގައި އައިޝްވާރިޔާއާއެކު މަސައްކަތްކުރި ބަތަލާ ބުނެފައިވެއެވެ.

"އެހެންކަމުން އައިޝްވާރިޔާ އަގު ވަޒަންކުރަންވާނީ ތިލަފަތަކުން ފެންނަ ނަންބަރަކުން، ނުވަތަ ހެދުމުގެ ސައިޒުން، ނޫނީ ކަލަންޑަރުން ގުނާލެވޭ އުމުރަކުން ނޫން. އެއީ ރީތި މީހެއް. އެއީ ބޭރުފުށުން ވެސް ރީތި މީހުންނަށް އެހާ އޯގާތެރި ހިތްހެޔޮ ފިލްމީ ތަރިއެއް،"

މަދޫރީ އިތުރަށް ފާހަގަކުރި ގޮތުގައި، އައިޝްވާރިޔާއަކީ ދުނިޔޭގެ ކުރިމަތީގައި އިންޑިއާ ތަމުސީލުކޮށްދީ، ބޮޑު ކާމިޔާބީތަކެއް ހޯދާފައިވާ ފިލްމީ ތަރިއެކެވެ. އެހެންކަމުން ބަތަލާގެ ސިފައަށް މަލާމާތްކުރުމަކީ މުޖުތަމައަށް ދެވޭ ނުބައި މެސެޖެއް ކަމަށް މަދޫރީ ވަނީ ބުނެފައެވެ.