އަތޮޅުތަކުގެ ރަށްރަށަށް ސީޕްލޭންގެ ދަތުރުތައް ފަށަން މޯލްޑިވިއަން އެއާޓެކްސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ މޯލްޑިވިއަން އެއާ ޓެކްސީގައި ބޭއްވި ހަފުލާއެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ ޑރ. އަހުމަދު ޝަމްހީދެވެ. އެއާޓެކްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ލާސް އެރިކް ނެލްސަން އެވެ.

މިނިސްޓާ ޑރ. ޝަމްހީދު މިއަދު ވިދާޅުވީ އަތޮޅުތެރޭ ބައެއް ރަށްރަށް ސީޕްލޭންގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި މިއަދު ސޮއިކުރި އެއްބަސްވުމާއެކު ކައިރި މުސްތަގުބަލެއްގައި އެހިދުމަތް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން ފަށަން ހަމަޖައްސާފައިވަނީ ށ. ފުނަދޫއިން. އޭގެއިތުރުން ދ. ކުޑަހުވަދޫ އާއި ރ. އަތޮޅާއި ނ. އޮތޮޅު ވެސް އަޅުގަނޑުމެން ގެ ޓާގެޓް އަތޮޅުތަކުގެ ތެރޭގައި ހިމެނޭ. މީގައި އެއްވެސް ލިމިޓޭޝަނެއް ނެތް. އަޅުގަނޑު ދެކޭގޮތުގައި މިއީ ކާމިޔާބު ޕްރޮޖެކްޓަކަށްވެއްޖެނަމަ މިކަން ފްރީ މާކެޓްގައި އެހެން ވިޔަފާރިތަކެކޭ އެއްގޮތަށް ފުޅާވެގެންދާނެ" ޝަމްހީދު ވިދާޅުވި އެވެ.

އެ އާޓެކްސީގެ ޗެއާމަން ލާސް ވިދާޅުވީ މިއަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ދަތުރުތައް ފެށޭނެ ކަމަށް އުންމީދު ކުރައްވާ އެގޮތުން ފުރަތަމަ ފަށާއިރު ހަފުތާއަކު ކޮންމެ ސަރަހައްދަކަށް ދެ ދަތުރު ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އަދި ދަތުރުތައް ކުރަނީ ކޮން ހިސާބުތަކަކަށް ކަމެއް އަދި ޓިކެޓްގެ އަގުވެސް ކަނޑަނަޅާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ވީހާވެސް ހެޔޮ އަގެއް ގައި ހިދުމަތް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ދަތުރު ކުރާނެ ރަށްތައް ކަނޑައަޅާނީ ސަރުކާރުން، އެގޮތުން ކަނޑައަޅާ ރަށްތަކަށް ދަތުރުކުރާނީ. މިހާރު މިދަނީ އެކަންކަމާ ބެހޭގޮތުން މަޝްވަރާކުރަމުން،" ލާސް ވިދާޅުވި އެވެ.

އަތޮޅު ތެރެއަށް ސީޕްލޭންގެ ދަތުރުތައް ފަށަން އެއާޓެކްސީން ތައްޔާރުވަމުން އަންނައިރު އެ ކުންފުންޏަކީ މިހާރު ވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އަދި އެންމެ ދުވަސްވީ ކުންފުއްޏެވެ.