އިންޑިއާގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ނިހަލާނީ މަރުވެއްޖެ
އިންޑިއާގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ނިހަލާނީ މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ޕަހްލާޖް ނިހަލާނީ އުމުރުން 76 އަހަރުގައި މަރުވެއްޖެއެވެ.

ޕްރޮޑިއުސަރު ޕަހްލާޖް ނިހަލާނީއަކީ ޖަނަވަރީ 2015 އިން އޯގަސްޓް 2017އަށް އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ)ގެ ޗެއާޕާސަންގެ މަގާމު ވެސް ފުރާފައިވާ ފަރާތެކެވެ.

ޕަހްލާޖް ނިހަލާނީ މަރުވީ އިއްޔެ މުމްބާއީގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ. ޕަހްލާޖްގެ ނިހަލާނީގެ ގާތް ރަހުމަތްތެރިޔާ، ޕްރޮޑިއުސަރު ޝަޝީ ރަންޖަން "ނިއުސް 9"އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ނިހަލާނީ ބަލިވެ އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.

"ޕަހްލާޖް ޖީ އުޅުއްވީ ވަރަށް ބަލިކޮށް. އޭނާ ނާނާވަތީ ހޮސްޕިޓަލުން ގެއަށް ބަދަލުކުރި ފަހުން މިއަދު ވަނީ ނިޔާވެފައި،" ރަންޖަން ބުނެފައިވެއެވެ.

ނިހަލާނީ ފިލްމު ޑައިރެކްޓަރު ޑޭވިޑް ދަވަން، ގަނޭޝް ޖެއިން، އަދި ރަތަން ޖެއިންއާ އެކު--ފޮޓޯ/އެންޑީޓީވީ

ނިހަލާނީއަކީ 1980 އާއި 1990ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދި ގިނަ ފިލްމުތަކެއް އުފެއްދި ޕްރޮޑިއުސަރެކެވެ. އޭގެ ތެރޭގައި 'ހާތުކަޅީ' (1982)، 'އިލްޒާމް' (1986)، 'އާގް ހީ އާގް' (1987)، 'ޕާޕް ކީ ދުނިޔާ' (1988)، 'ގުނާހޯން ކާ ފައިސަލާ' (1990)، 'ޝޯލާ އައުރް ޝަބްނަމް' (1992)، 'އާންކޭން' (1993) އަދި 'އަންދާޒް' (1994) ފަދަ ފިލްމުތައް ހިމެނެއެވެ.

މީގެ ތެރެއިން ވެސް ގޯވިންދާ ބަތަލުގެ ބައި ކުޅެ، ޑޭވިޑް ދަވަން ޑައިރެކްޓްކުރި "ޝޯލާ އައުރް ޝަބްނަމް" އާއި "އާންކޭން" އަކީ ނިހަލާނީގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ.

ނިހަލާނީ މިފަހުން އުފެއްދި ފިލްމުތަކުގެ ތެރޭ، 'އުލްޖަން' (2001)، 'ތަލާޝް' (2003)، 'ހެލޯ މުމްބާއީ' (2016)، 'ޖޫލީ 2' (2017) އަދި 'ރަންގީލާ ރާޖާ' (2019) ފަދަ ފިލްމުތައް އުފައްދާފައެވެ. އޭނާގެ އެންމެ ފަހު ފިލްމަކީ 2023 ވަނަ އަހަރު ނެރުނު "އަނާޅީ އިޒް ބެކް"އެވެ.

އިންޑިއާގެ ސެންސަރު ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި ހުރި ދުވަސްވަރު، ފިލްމުތަކާ ގުޅޭގޮތުން އޭނާ ނިންމި ބައެއް ހަރުކަށި ނިންމުންތަކުގެ ސަބަބުން ނިހަލާނީއަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.