05 Jun 2026, 11:24
ސެމްސަންގުން އަންނަ މަހު ބާއްވާ ގެލެކްސީ އަންޕެކްޑް އިވެންޓުގައި ތައާރަފްކުރުމަށް ހަމަޖެހިފައިވާ "ގެލެކްސީ ވޮޗް 9" ސީރީޒްގެ ކުރިން، އެ ކުންފުނީގެ "ސެމްސަންގް ހެލްތު" އެޕްލިކޭޝަނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައި އެކަން އިއުލާންކޮށްފިއެވެ.
މި ޖޫން މަހުގެ 8 ވަނަ ދުވަހުން ފެށިގެން ރޯލްއައުޓް ކުރަން ފަށާ މި އަޕްޑޭޓަކީ ސިއްހީ ދުޅަހެޔޮކަން މޮނިޓާކުރުމަށް އައު ފީޗާތަކެއް ހިމަނައިގެން ނެރޭ މުހިންމު އަޕްޑޭޓެކެވެ.
މި އަޕްޑޭޓްގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ މުޅިން އަލަށް ތައާރަފްކުރާ "ވައިޓަލްސް" ފީޗާއެވެ. މި ފީޗާގެ އެހީގައި ނިދާފައި އޮންނަ ވަގުތުތަކުގައި ހާޓް ރޭޓް، ހާޓް ރޭޓް ވެރިއަބިލިޓީ، ނޭވާލާ ރޭޓް، ހަމުގެ ފިނިހޫނުމިން އަދި ލޭގައި އޮކްސިޖަން ހުރި މިންވަރު ފަދަ މުހިންމު ބަޔޮލޮޖިކަލް ސިގްނަލްތައް ދެނެގަނެ، އާދަޔާ ހިލާފު ބަދަލެއް އަތުވެއްޖެ ނަމަ ޔޫޒަރަށް ނޮޓިފިކޭޝަން ފޮނުވައިދޭނެއެވެ.
މީގެ އިތުރުން ކުރިން ބޭނުންކުރަމުން އައި "ވެސްކިއުލާ ލޯޑް" ފީޗާގެ ބަދަލުގައި "ހާޓް ހެލްތު ސްކޯ" ނަމަކަށް ކިޔާ އައު ނިޒާމެއް ވަނީ ހިމަނާފައެވެ. މި ނިޒާމުން ނިދުމާއި، ސްޓްރެސް އަދި ހަރަކާތްތެރިވާ މިންވަރު ހަށިގަނޑުގެ ބޮޑުމިނާ އަޅާކިޔައި، ދިގު މުއްދަތަކަށް ސިއްހަތަށް އަސަރުކުރާނެ އާދަތައް ދެނެގަނެ އެއް ސްކޯއެއްގެ ގޮތުގައި ދައްކައިދޭނެއެވެ.
ކަސްރަތުކުރާ މީހުންނަށް ހާއްސަކޮށް "ޑެއިލީ ކާޑިއޯ ލޯޑް" ފީޗާވެސް މި އަޕްޑޭޓުގައި ހިމެނެއެވެ. މިއީ އެއިރޮބިކް ކަސްރަތުތަކުގެ ސަބަބުން ހިތަށް ކުރާ ބާރު ދެނެގަނެ، މާބޮޑަށް ވަރުބަލިވިޔަނުދީ އެންމެ އެކަށީގެންވާ ވަރަށް ތަމްރީނުތަކާއި އަރާމުކުރާނެ ވަގުތު ކަނޑައެޅުމަށް އެހީތެރިވެދޭނެ ފީޗާއެކެވެ.
ހަމައެއާއެކު "ފިޓްނަސް އިންޑެކްސް" މެދުވެރިކޮށް ހާޓް ރޭޓާއި ވީއޯ2 މެކްސް ފަދަ މިންގަނޑުތައް އެހެން މީހުންނާ އަޅާކިޔައި، އަމިއްލަ ފިޓްނަސް ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ މައުލޫމާތު ލިބޭނެއެވެ.
އެޕްލިކޭޝަންގެ ލޭއައުޓްވެސް މިހާރު ވަނީ ސްލީޕް، އެކްޓިވިޓީ، ނިއުޓްރިޝަން، މައިންޑްފުލްނެސް އަދި ވައިޓަލްސް ހިމެނޭ ގޮތަށް ފަސް ބަޔަކަށް ބަހާލައި ފަސޭހައިން ބޭނުންކުރެވޭ ގޮތް ހަދާފައެވެ.
މި ބަދަލުތަކުގެ އިތުރުން ކުރިން ހުރި ބައެއް ފީޗާތަކަށްވެސް ވަނީ ކުރިއެރުންތަކެއް ގެނެސްފައެވެ. އެގޮތުން ކާނާގެ މައުލޫމާތުދޭ "އެންޓިއޮކްސިޑެންޓް އިންޑެކްސް" އާއި ރޭގަނޑު އޮޓޮމެޓިކުން މަސައްކަތްކުރާ "އޭޖްސް އިންޑެކްސް" އިތުރަށް ފުރިހަމަކޮށްފައިވާއިރު، ކަންފަތުގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ވަށައިގެން ހުންނަ އަޑުގަދަމިން ބަލައިދޭ "ހިއަރިންގް ހެލްތު" ފީޗާއެއްވެސް މި އަޕްޑޭޓާއެކު ތައާރަފްވެގެންދާނެއެވެ.