މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ބާއްވާނެ ރަށެއް ކަނޑައެޅުމަށް، އެކަމަށް ޝައުގުވެރިވާ ރަށްތަކަށް ހުޅުވާލި ފުރުސަތު މި މަހުގެ 14 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.

ކޮންމެ އަހަރެއްގައި ވެސް މަސްވެރިންގެ ދުވަސް ފާހަަގަކުރަމުން އަންނަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހުތިފާލްތައް ބޭއްވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށްތަކަށް ފުރަތަމަ ހުޅުވާލީ ނިމުނު އޭޕްރިލް މަހުގެ 30 ވަނަ ދުވަހެވެ. އޭރު ހުޅުވާލި މުއްދަތު ހަމަވަނީ ނިމުނު މެއި މަހުގެ 31 ވަނަ ދުވަހަށެވެ.

ފިޝަރީސް މިނިސްޓްރީއިން މިއަދު ވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރާނެ ރަށެެއް ކަނޑައެޅުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލައިފައިވާ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އެކަމަށް ޝައުވެރިވާ ރަށްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ މިނިސްޓްރީއަށް ޖެމްސް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރީ އީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއް އައުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މަސްވެރިންގެ ދުވަހުގެ ރަސްމީ އިހުތިފާލްތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ މިނިސްޓްރީގެ ނަމްބަރު 3339274 އަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެެވެ.

މިނިސްޓްރީން ވަނީ އެ ސާކިއުލާއާއެކު ޝައުގުވެރިކަން ފާޅުކުރުމަށް ހުށަހަޅާނެ ފޯމުވެސް ހިއްސާކޮށްފައެވެ.

ނިމުނު އަހަރު ސަރުކާރުން މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ރ. ދުވާފަރުގައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވުމަށް ދުވާފަރަށް ވަޑައިގެންފައެވެ.

ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު އެއް ތަނބު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި، މަސްވެރިންނަށް ލިބެންޖެހޭ އުޖޫރަ ވަގުތުން ވަގުތަށް ދިނުމަކީ މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތް ކަމަށް ސަރުކާރުން ބުނެއެވެ.