ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ތިންވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދަރިމައިވުމާ ގުޅޭގޮތުން ހިލޭ ލަފާދޭ ކެމްޕެއިނެއް މިއަދު ފަށައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ އަހަރީ މުނާސަބަތުގައި މިއަދު ފެށި "ފްރީ ފާޓިލިޓީ ކޮންސަލްޓޭޝަން" ނުވަތަ ދަރިމައިވުމާ ގުޅޭ ގޮތުން ހިލޭ ލަފާދޭ ކެމްޕެއިނުގެ މަގުސަދަކީ، ދަރިމައިވުމުގެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކޮށް މައްސަލައެއް އުޅޭނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރުގެ ލަފާ ހޯދުމަށް ހިތްވަރުދިނުން ކަމަށެވެ.

މި ފުރުސަތުގެ ދަށުން މި މަހުގެ 13ވަނަ ދުވަހާއި 17ވަނަ ދުވަހާ ދެމެދު ފާޓިލިޓީ ސްޕެޝަލިސްޓަކާ ހިލޭ ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އޮންލައިންކޮށް ހުޅުވައިލާނެ ކަމަށް ވެސް ޓްރީޓޮޕް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، މި ކެމްޕެއިންގެ ދަށުން ޖުމުލަ 130 މީހަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހިލޭ ޚިދުމަތުގެ ތެރޭގައި ހިމެނެނީ ފުރަތަމަ ކޮންސަލްޓޭޝަނާއި އެއާ ގުޅޭ ފޮލޯ-އަޕް އެޕޮއިންޓްމަންޓް އެކަނި ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުންޏެވެ. މި ޕްރޮމޯޝަންގެ ދަށުން އާސަންދައާއި އިތުރު އިންޝުއަރެންސެއް ބޭނުމެއް ނުކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެކަމަކު، ޓްރީޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި ޑޮކްޓަރު އިރުޝާދުގެ މަތިން ހަދާ އިތުރު ޓެސްޓުތަކާއި، ސްކޭން، ބޭހާއި އެހެނިހެން ޕްރޮސީޖާތަކަށް ހޮސްޕިޓަލުގެ އާންމު ރޭޓުން ފީ ނަގާނެއެވެ.

މެއި 29، 2023 ގައި ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރަކީ ރާއްޖޭގައި އައިވީއެފްގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށި މަރުކަޒެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭ މި މަރުކަޒުން ހޯދި ކާމިޔާބީތަކުގެ ތެރޭގައި، އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވުމާއި، އެ މަރުކަޒުގެ އެހީގައި 100 ވަނަ ކުއްޖާ އުފަންވުން ހިމެނެއެވެ.

މި މަރުކަޒުން ދޭ ޚިދުމަތްތަކުގެ ތެރޭގައި އައިވީއެފް، އައިޔޫއައި، ދަރިމައިވުމުގެ މައްސަލަތައް ދެނެގަތުމަށް ކުރާ ޓެސްޓުތަކާއި ފަރުވާގެ ޕްލޭން އެކުލަވައިލުމުގެ އިތުރުން، ދަރިމައިވުމުގެ ސިއްހަތާ ގުޅޭ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މި މަރުކަޒުގައި މަސައްކަތްކުރައްވަނީ މި ދާއިރާގެ ތަޖުރިބާކާރު ސްޕެޝަލިސްޓުން ކަމަށްވާ ޑރ. އަނީތާ ގޯރާއި، ޑރ. ޒަކިއްޔާ އަޙްމަދާއި، ޑރ. ވަރްޝާ ރެންގަރާޖެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތް ރާއްޖޭގައި އިތުރަށް ފުޅާކޮށް، އެންމެ ފަހުގެ ވަސީލަތްތަކާއެކު އާއިލާތަކުގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި ދެމިތިބުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.