18 Sep 2012, 19:12
މަސްތުވާ ތަކެއްޗާއި ގުޅުން ހުރި ކުށްތައް އައްޑޫ ސިޓީގައި މަދު ކުރުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސް ވުމެއްގަ މިއަދު ސޮއި ކޮށްފި އެވެ.
ކަސްޓަމްސްގެ ރިކްރިއޭޝަން ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންޑީއޭ ގެ ފަރާތުން ސޮއި ކުރެއްވީ އެ އެޖެންސީ ގެ ޗެއާ ޕާސަން ލުބުނާ މުހައްމަދު ޒާހިރެވެ، އައްޑޫ ސިޓީ ކައުންސިލް ގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) އެވެ.
އެ އެއްބަސްވުމުގަ ސޮއި ކުރެއްވުމަށް ފަހު ލުބުނާ ވިދާޅުވީ އައްޑޫ ސިޓީގައި އިންތިހާއަށް ކުށްކުރުން އިތުރު ވެފައިވާކަން ފާހަގަ ކުރެއްވޭ ކަމަށާއި އޭގެ ތެރޭގައި ގިނައީ މަސްތުވާ އެއްޗެއްސާ ގުޅުން ހުރި ކުށްތައް ކަމަށެވެ.
ލުބުނާ ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސް ވުމުގެ ދަށުން އައްޑޫ ސިޓީ ކައުންސިލްގައި ކޯޑިޕެންޑެންޓުންގެ ރަޖިސްޓްރީ އެއް ޤާއިމް ކުރަން އެއްބަސްވެފައިވާ ކަމަށާއި، އޭގެ އިތުރުން މަސްތުވާ ތަކެތި ބޭނުން ކުރާ ފަރާތް ތަކުގެ ތެރެއިން ފަރުވާ ބޭނުންވާ ފަރާތް ތަކުގެ މެކޭނިޒަމެއް ޤާއިމް ކުރުން ވެސް ހިމެނޭ ކަމަށެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވީ އެ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި މާރާމާރީ ހިންގުމާއި ވައްކަމާއި ފޭރުން އިތުރުވެ ރައްޔިތުން ކަންބޮޑު ވެފައިވާ ކަމަށެވެ. އައްޑޫ ސިޓީގައި ކުށް ކުރުން ހުއްޓުވޭނީ ފޮރުވިގެން ތިބެ ކުށް ކުރުމަށް ހިތްވަރުދީ އެކަމަށް އެހީވާ ފަރާތްތައް ޝަރީއަތަށް ހާޒިރު ކުރެވިގެން ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.
ކުށް ކުރަން އެހީތެރިވާ ބަޔަކު ފިލައިގެން އުޅޭއިރު އެ ފަރާތްތައް ހައްޔަރު ކުރަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށާއި، އެއްވެސް އާމްދަނީ އެއް ނުލިބޭ މީހުން ހައިރާންވާ ފަދަ ގޮތް ގޮތަށް ކުރިއަރައި ސްޕޯޓްސް ކާރުތަކުގައި އުޅޭތަން ވެސް އައްޑޫން ފެންނަ ކަމަށެވެ. އެފަދަ މީހުން ފައިސާ ހޯދާ ގޮތާ މެދު ސުވާލު އުފެދޭ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.