ކުރިމަގުގައި ހުރިހާ ފަނޑިޔާރުންނަކީ ދަށްވެގެން ޑިގްރީ ފެންވަރަށް ކިޔަވައިގެން ތިއްބެވި ފަނޑިޔާރުން ކަމުގައި ހަމަޖެހިގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެ އެވެ.

ޖުޑިޝަރީގެ އެކްޝަން ޕްލޭނާއި ސުޕްރީމް ކޯޓުގެ ވެބްސައިޓް އިފްތިތާހު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ 2010 އިން 2014 އަށް އެކުލާވާލާފައިވާ އެކްޝަން ޕްލޭންއަށް ކުދި ބަދަލުތައް ގެނެސްފައިވާނެ ކަމަށެވެ.

އެގޮތުން މިހާރު އޮތް އެ އެކްޝަޕްލޭންގެ ދަށުން ދުރު މުސްތަގުބަލަށް އޮތް އަމާޒަކީ ރާއްޖޭގައި މަސައްކަތް ކުރައްވާ ކޮންމެ ފަނޑިޔާރަކީ ވެސް ޑިގްރީ ލެވެލްއަށް ކިޔަވާ ވިދާޅުވެގެން ތިއްބެވި ފަނޑިޔާރުން ކަމުގައި ހަމަޖެހިގެންދިއުން ކަމަށް ވިދާޅުވި އެވެ.

"އެކްޝަން ޕްލޭންގެ އެއް ޓާގެޓަކީ ކުރިއަށް އޮތް ތަނުގައި ކޮންމެ ފަނޑިޔާރަކީ އެއީ މާލޭގައި މަސައްކަތް ކުރައްވާ ނުވަތަ އަތޮޅުގައި މަސައްކަތް ކުރައްވާ ބޭފުޅަކަށްވީ ނަމަވެސް ހުރިހާ ބޭފުޅުންނަކީ ޑިގްރީ ލެވެލަށް ތަޢުލީމް ހާސިލު ކުރައްވާފައި ތިއްބެވި ބޭފުޅުން ކަމުގައި ހަމަޖެއްސުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ކުރިއަށް އޮތް ދެ އަހަރު ނުވަތަ ދޮޅު އަހަރުގެ ތެރޭ ޝަރީއާގެ ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ހުރިހާ ފަނޑިޔާރުންނަކީ ވެސް ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުން ކަމުގައި ވެގެންދިއުމަކީ އަމާޒެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ފެށުމެއްގެ ގޮތުން އެންމެ ފުރަތަމަ ޑިޕްލޮމާ އެންޑް ޝަރީއާ ލޯ ފުރިހަމަ ކުރެއްވި 23 ފަނޑިޔާރަކު ޑިގްރީ އަށް ކިޔަވާ ވިދާޅުވާއިރު 27 ފަނޑިޔާރަކު ޑިޕްލޮމާ ނިންމައި 30 ފަނޑިޔާރަކު ޑިޕްލޮމާއަށް ކިޔަވާ ވިދާޅުވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު މިއަދު ވިދާޅުވި އެވެ.

ޖުމްލަ 42 ފަނޑިޔާރަކު މާލޭގެ އެކި ކޯޓުތަކުގައި މަސައްކަތް ކުރައްވާއިރު އޭގެ ތެރެއިން 25 ފަނޑިޔާރުންނަކީ ޝަރީއާ އެންޑް ލޯ އިން ޑިގްރީ ހާސިލު ކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. އަދި މާލޭގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ތެރޭ މާސްޓާސް ހައްދަވާފައި ތިއްބެވި ނުވަ ފަނޑިޔާރަކާއި ޕީއެޗްޑީ ހައްދަވާފައި ތިއްބެވި ދެ ފަނޑިޔާރަކު ހިމެނިވަޑައިގަންނަވަ އެވެ.

މިދިޔަ އަހަރުތެރޭ ވަނީ ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާނޫނީ ބޭފުޅުން ހިމަނައިގެން 75 ބޭފުޅަކު ކޭސް މެނޭޖްމަންޓްގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވަސިޓީއަކުން ތަމްރީނު ހޯއްދެވި އެވެ.