އަހަރު ދެބައިވިއިރު، ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތަށް
އަހަރު ދެބައިވިއިރު، ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތަށް

މި އަހަރު ދެބައިވިއިރު، މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތްވެއްޖެއެވެ.

މިއަދު ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، އިއްޔެގެ ނިޔަލަށް 951،222 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ހަތަރު އިންސައްތައިގެ ދަށްވުމެކެވެ. މިގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި 992،225 ފަތުރުވެރިން ރާއްޖެ އައެވެ.

ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ނިސްބަތް މަދުވާން ފެށީ، މިދިޔަ ފެބްރުއަރީ 28ގައި ފެށި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެންނެވެ. މާރިޗު މަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް ދަސްވުމަށް މަހު، މިދިޔަ މަސް ނިމުނުއިރު މަޑުމަޑުން ވަނީ ފަތުރުވެރިން އަންނަވަރު އިތުރުވާން ފަށާފައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ އެހެނިހެން ހިސާބުތަކަށް ބަލާއިރު، ރާއްޖެ އަންނަ 71 އިންސައްތަ ފަތުރުވެރިން ދަނީ ރިސޯޓުތަކަށެވެ. އެ ތަންތަނަށް 660،190 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ގެސްޓުހައުސްތަކަށް ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިންތަކެއް އެއާޕޯޓުގައި ޚިދުމަތް ހޯދަނީ ---- ފޮޓޯ/ އެމްއޭސީއެލް

މީގެއިތުރުން، ހޮޓާތަކަށް 25،000އެއްހާ ފަތުރުވެރިންނާއި ޓުއަރިސްޓް ވެސަލްތަކަށް 19،987 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

މި އަހަރުގެ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްގެން މާކެޓުގެ އެއްވަނަ ޖާގަ ކަށަވަރުކުރީ ޗައިނާއިންނެވެ. އެ ގައުމުން އެކަނި އިއްޔެގެ ނިޔަލަށް 144،931 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އެއާއެކު، 126،712 ފަތުރުވެރިންނާއެކު މާކެޓުގެ ދެވަނައިން ޖާގަ ހޯދީ، ރަޝިއާއިންނެވެ. އެ ގައުމާ އެންމެ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. މިގޮތުން، އެ ގައުމުން ވަނީ، 80،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތްކުރިއިރު، އީރާން ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އަރައިފައިވާ ލޮޅުމުން 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ސިނާއަތުގެ އިސް ޖަމިއްޔާތަކުން ވަނީ ބުނެފައެވެ. އެ ފަރާތްތަކުން ވަނީ ގެއްލުމުން އަރައިގަންނަން ދިވެހި ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.

ސަރުކާރުން ވަނީ، އެ ހާލަތު ރަނގަޅުކޮށް ފަތުރުވެރިން ގެންނަ މާކެޓުތައް އިތުރުކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.