ޖުޑިޝަރީގެ އެކްޝަން ޕްލޭންއާއި ސުޕްރީމް ކޯޓުގެ އާ ވެބްސައިޓް މިއަދު ލޯންޗުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖުޑިޝަރީގެ އެކްޝަން ޕްލޭންއާއި ސުޕްރީމް ކޯޓުގެ އާ ވެބްސައިޓް ލޯންޗުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނެވެ.

ސުޕްރީމްކޯޓުގެ ހަތަރު ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި އެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ބަޖެޓްގެ ދަތިކަމާއި ފައިސާގެ މައްސަލަތަކަށް ބަލައި މިއަހަރު ސުޕްރީމް ކޯޓުގެ އަހަރީ ދުވަސް ފާހަގަ ނުކުރަން ނިންމެވި ނަމަވެސް ގައުމެއްގެ ހަޔާތާއި ޑިމޮކްރަސީއެއްގެ ހަޔާތުގައި ސުޕްރީމް ކޯޓެއް އުފެދިގެން ދިއުން އެއީ ފާހަގަ ނުކޮށް ދޫކޮށްލަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ޖުޑީޝަލް ސިސްޓަމް ދެމިއޮތްހާ ހިނދަކު ރާއްޖޭގެ ސުޕްރީމް ކޯޓު އުފެދިގެން އައިދުވަސް އެއީ ފާހަގަ ކުރަންޖެހޭނެ ދުވަހެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް އެ ދުވަސް އަޅުގަނޑުމެން ފާހަގަ ކުރަމުންދާނަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަދި ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ފުރިހަމަ ކަމެއް އައީ މިހާރު އޮތް ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓެއް އުފެދިގެން ދިއުމުން ކަމަށާއި އެހެން ނޫންނަމަ ޝަރުއީ ނިޒާމަކީ ޖުޑިޝަރީއަކީ ފުރިހަމަ ނިޒާމެއް ކަމުގައި ނުބުނެވޭނެ ކަމަށެވެ.

"ހަގީގަތުގައި ރާއްޖޭގެ ޝަރުއީ ނިޒާމަށް ފުރިހަމަ ކަމެއް އައީ މިހާރު އޮތް ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓެއް އުފެދިގެން ދިއުމުން. އެހެން ނޫންނަމަ އެ ގައުމެއްގެ ޝަރުއީ ނިޒާމަކީ ޖުޑިޝަރީއަކީ ފުރިހަމަ ނިޒާމެއް ކަމުގައި ނުބުނެވޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ސުޕްރީމްކޯޓަށް ދިމާވެފައި އެންމެ ބޮޑު މައްސަލައަކީ އިމާރާތުގެ ދަތިކަން ކަން ފާހަގަ ކުރައްވައި ފަނޑިޔާރު ފާއިޒު ވިދާޅުވީ ދާއިމީ ބިމެއް ބޭނުންވާ ކަމަށާއި އެކަމުގެ މަޝްވަރާތައް ސަރުކާރާއެކު ކުރަމުން އަންނަ ކަމަށެވެ. އަދި ބިން ލިބޭހާ އަވަހަށް ސްޕުރީމްކޯޓެއް ހެދުމުގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށާއި އިސްލާމީ ގައުމަކުން ހިލޭ ސުޕްރީމް ކޯޓެއް ރާއްޖޭގައި އަޅައިދެއްވާނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް މިވަގުތު އަދި ހާމަކުރެވެން ނެތް ކަމަށެވެ.