އޮޑިޓާ ޖެނެރަލްގެ އޮފީހަށް ބަޖެޓުގެ ތާށިކަން ކުރިމަތިވެ، އެ އޮފީހަށް އިތުރަށް 12 މިލިއަން ރުފިޔާގެ ބަޖެޓެއް ދޫކުރަން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑައިލި ފަހުން ފުރަތަމަ ފަހަރަށް މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ މެންދުރު ފަހު ސެޝަންގެ ޖަލްސާގައި މެންބަރުން އެ މައްސަލައިގައި މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ ބަޖެޓް އެކުލަވައިލުމަށް ފަހު ކަނޑައެޅިފައިވާ އުސޫލުގެ މަތިން އެ އޮފީހުން އެދިފައިވާ މިންވަރަށް ފައިސާ ދިނުމަށެވެ. ނަމަވެސް އެއީ ކިހާ ފައިސާއެއް ކަމެއް ކޮމެޓީއަކުން ނުބުނެ އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އޮޑިޓް އޮފީހަށް ބަޖެޓް ފާސްކުރިއިރު ދޫކޮށްފައިވާ ފައިސާގެ އިތުރަށް ބަޖެޓް ބޭނުންވާނަމަ ބަޖެޓް ފޯރުކޮށްދިނުމަށް ބަޖެޓް ފާސްކުރުމުގައި އެއްބަސްވެފައިވާ ކަމަށާއި އިތުރަށް ބޭނުންވެގެން ފޮނުވީ 12 މިލިއަން ރުފިޔާ ކަމަށެވެ.

"އަޅުގަނޑުމެން އެހެންވެ ހަރަދު ކުޑަކުރުމާއި މިކަންކަން ހުރީމަ ރިކުއެސްޓް ކުރީ އެ ހުރިހާ ފައިސާ ނުހޯދައި 12 މިލިއަނެއްހާ ރުފިޔާ އެޕްރޫވްކޮށްދޭން،" ނިޔާޒު ވިދާޅުވި އެވެ.

އެ ނިންމުމާ ގުޅިގެން ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ވިދާޅުވީ ކޮންމެ އޮފީހެއްގެ ބަޖެޓުން 15 ޕަސެންޓް ކުޑަކުރުމުން ވަރަށް ގިނަ މުއައްސަސާތަކުން ބަޖެޓް ތާށިވެ ބަޖެޓް ބޮޑުކުުރަން ހުށަހަޅަމުން އަންނަ ކަމަށެވެ. ނަމަވެސް މިވަގުތު ހާލަތު އޮތްގޮތުން އެކަން ކޮށްދިނުމަކީ ބަޖެޓަށް އިތުރަށް ބުރަބޮޑުވާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

"މި ނިންމުމުން ވެސް ބަޖެޓަށް އަނެއްކާ އިތުރަށް ބުރަބޮޑުވާނެ، އިތުރަށް ޑެފިސިޓްވާނެ މިކަމުން ވެސް،" ޖިހާދު ވިދާޅުވި އެވެ. "މިވަގުތުގައި އެއްވެސް ފަރާތަކަށް ބަޖެޓް ހަމަޖައްސައިދިނުމަކީ ފެންނަކަމެއް ނޫން،"

މިހާރު ދީފައިވާ ބަޖެޓްގެ އިތުރަށް ބަޖެޓް ހަމަޖައްސައިދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ންވެސް ވަނީ އެދިފަ އެވެ. އެ ކޮމިޝަނުން ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާ ހަމަޖައްސައިދިނުމަށް ވަނީ އެދިފަ އެވެ.

އެ މައްސަލައިގެ އިތުރަށް މާލިއްޔަތު ކޮމެޓީގައި މިއަދު ވަނީ ފިނޭންސުން ފޮނުއްވި ދެ މައްސަލައަކާ މެދު ބަހުސްކުރައްވައިފަ އެވެ. ފުރަތަމަ ބަހުސްކުރެއްވީ މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ފިނޭންސުން ކުރައްވައި ބައެއް މަސައްކަތްތައް ނުކުރެވި ހުއްޓިފައިވާ މައްސަލައިގައި އަމަލުކުރާނެ ގޮތެއް ކޮމެޓީން ނިންމެވުމަށް އެދިފައިވާ މައްސަލައާ މެދު އެވެ. ނަމަވެސް މެންބަރުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ. އަނެއް މައްސަލައަކީ އޭޑީކޭ ހޮސްޕިޓަލުން ހުށަހަޅާފައިވާ ޕްރޮޖެކްޓްގައި ހިމެނޭ ހިއުމަން ރިސޯސް ކޮމްޕޮނެންޓް ފުރިހަމަ ކުރުމަށް މާލޭ ހެލްތް ސެންޓަރު ހުރި ބިން އޭޑީކޭއަށް ދިނުމާއި މެދު ކޮމެޓީގެ ލަފައަކަށް އެދުނު މައްސަލަ އެވެ. ނަމަވެސް އެ މައްސަލަވެސް ކޮމެޓީން ވަނީ އަބުރާ ފޮނުވާލައިފަ އެވެ.

އެ ބައްދަލުވުމަށް ހާޒިރުވީ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތީ މުގައްރިރުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އާއި ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދާއި މުލަކި ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި އޭދަފުށި ދާއިރާގެ އަޙްމަދު ސަލީމް އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.