އައްޑޫ ސިޓީ ކައުންސިލުން މުނިސިޕަލް މަސައްކަތްތަކަށް ބޭނުންކުރުމަށް ގަތް ދެ ވެހިކަލެއްގެ މުޢާމަލާތުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އެ ކައުންސިލްގެ އެންމެ ފަހުގެއޮޑިޓްރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު އާއްމު ކުރި އޮޑިޓް ރިޕޯޓުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ހިތަދޫ އަދި ފޭދޫ އަވަށު އޮފީހަށް ގަތް ޕިކަޕަކާއި ސްނޯކަލް ލިފްޓެއްގެ މައްސަލައެވެ. މި ދެ ވެހިކަލް ގަތުމުގައި ވެސް އިންސްޕެކްޝަން ކުރުމާއި ރަޖިސްޓަރީ ކުރުމުގެ މަރުހަލާގައި ކައުންސިލުން އިހުމާލުވެފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ހިތަދޫ އަވަށު އޮފީހަށް 345,000 ރުފިޔާއަށް ގަނެފައިވާ ޕިކަޕާ ހަވާލުވުމުގެ ކުރިން އެއްވެސް ވަރެއްގެ އިންސްޕެކްޝަނެއް ކައުންސިލުން ހަދާފައެއް ނުވެއެވެ. ސަޕްލަޔަރާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ވެހިކަލް ގެނައުމަށްފަހު، ކައުންސިލްގެ އިދާރާއިން ފަހުން ހެދި އިންސްޕެކްޝަނުން އެ ޕިކަޕުގައި ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަވެފައެވެ. މީގެ އިތުރުން، އެ ޕިކަޕަކީ މުނިސިޕަލް މަސައްކަތްތަކަށް އެކަށީގެންވާ އުޅަނދެއް ނޫންކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިންސްޕެކްޓް ނުކޮށް ވެހިކަލާ ހަވާލުވުމުގެ ސަބަބުން ދައުލަތުގެ ފައިސާއިން ބޮޑު ހޭދައެއް ކޮށްގެން ގެނައި އުޅަނދުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭކަން އޮޑިޓަރުން ވަނީ ފާހަގަކުރައްވާފައެވެ.

ފޭދޫ އަވަށު މުނިސިޕަލް މަސައްކަތަށް ބޭނުންވާ ސްނޯކަލް ލިފްޓެއް ހޯދުމަށް 549,720 ރުފިޔާއަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ގެނައި ވެހިކަލްގެ މައްސަލަ ވެސް އޮޑިޓުން ވަނީ ތިލަކޮށްފައެވެ.

ރިޕޯޓުގައިވާ ގޮތުން މި ވެހިކަލަކީ 2012 ވަނަ އަހަރު އުފައްދާފައިވާ އުޅަނދެކެވެ. ހޯދަން އިއުލާން ކުރީ 2017 ވަނަ އަހަރު އުފައްދާފައިވާ ވެހިކަލެކެވެ. ނަމަވެސް ކައުންސިލުން ގަތް ވެހިކަލް 2019 ވަނަ އަހަރު ރާއްޖެއަށް އެތެރެކޮށް 2021 ވަނަ އަހަރު އަމިއްލަ ފަރާތެއްގެ ނަމުގައި ވަނީ ރަޖިސްޓަރީކޮށްފައެވެ.

އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، މި ވެހިކަލްގެ ރަޖިސްޓަރީ ކައުންސިލްގެ ނަމަށް ބަދަލުނުކުރަނީސް، ސަޕްލައިކޮށްދިން ފަރާތަށް ކައުންސިލުން ފައިސާ ދޫކޮށްފައިވުމެވެ. މިއީ މާލިއްޔަތު ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ކަމެކެވެ.

ވެހިކަލްތަކުގެ މައްސަލައިގެ އިތުރުން، އައްޑޫ ސިޓީގެ ގޭދޮށު މަސް ޕްލާންޓްތަކާ ގުޅޭ ބޮޑެތި މައްސަލަތަކެއްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރު ހިތަދޫ، މަރަދޫ އަދި ހުޅުދޫމީދޫގައި ގޭދޮށު މަސް ޕްލާންޓް ހެދުމަށް ހަވާލުކުރި ދެ އެއްބަސްވުމެއް ބާތިލުކޮށްފައިވާއިރު، އެޑްވާންސްގެ ގޮތުގައި ދޫކުރި 1,800,000 ރުފިޔާ އަނބުރާ ހޯދާފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ހަމަ އެ އަހަރު ގޭދޮށު މަސް ޕްލާންޓް ހެދުމަށް ސޮއިކުރި އެއްބަސްވުންތަކުގެ މަސައްކަތް ވެސް އެކި ސަބަބުތަކާ ހުރެ ނުނިމި ހުރިކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް އައްޑޫ ސިޓީ ކައުންސިލުން ހިންގާފައިވާ މި މުޢާމަލާތްތަކުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން އޮޑިޓް ރިޕޯޓުން ސާފުކޮށް ފެންނަން އޮތްއިރު، މިކަންކަން އިސްލާހުކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ކައުންސިލަށް ލަފާދީފައެވެ. ޚާއްސަކޮށް ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދިއުމުގައި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް ރިޕޯޓުގައި ވަނީ އަންގާފައެވެ.