މާލޭގެ ހުސްބިންތަކުގައި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހި އިންދުމުގެ މަސައްކަތްކުރަން ކައުންސިލުން ފާސްކޮށްފި
މާލޭގެ ހުސްބިންތަކުގައި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހި އިންދުމުގެ މަސައްކަތްކުރަން ކައުންސިލުން ފާސްކޮށްފި

މާލޭގައި ހުންނަ ހުސްބިންތަކުގައި ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހި އިންދުމުގެ މަސައްކަތް ކުރަން މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ޖަލްސާގައި އެގޮތަށް ފާސްކުރީ، ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހި އިންދުމަށްޓަކައި މާލޭގެ ސަހަރާތަކުގައި ހުންނަ ހުސް ތަންތަން ހިމެނޭހެން މާލޭގެ ހުސްބިންތަކުގައި އެފަދަ ގަސްގަހާގެހި އިންދުމަށް ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް ޢާޒިމެވެ. އެ ހުށަހެޅުން ހުށަހަޅުއްވައި ޢާޒިމް ވިދާޅުވީ، ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ފަތްޕިލާވެލި ލިބުން ދަތިވާތީ، އެ މަސައްކަތް ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

ސަހަރާތަކުގެ ހުސް ޖާގަތަކުގައި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހި އިންދުމަށް ދީނީގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް، ބައެއް ދީނީ އިލްމުވެރިންނާ ވާހަކަ ދެއްކެވުމުން ވިދާޅުވި ކަމަށް ޢާޒިމް ވިދާޅުވިއެވެ.

މި ކަމުގައި އެކި ކައުންސިލަރުންގެ ޚިޔާލު ތަފާތެވެ.

މިއަދު އޮތް ކައުންސިލުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

އެގޮތުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން ޝަރީފް ވިދާޅުވީ، މާލެއަކީ ބިމުގެ ދަތިކަން މިހާރުވެސް އޮތް ތަނެއް ކަމަށެވެ. އެހެންކަމުން، ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާއިގެހި މާލޭގައި އިންދުމަކީ ކުރެވިދާނެ ކަމެއްތޯ ސުވާލު އުފައްދަވައި އޭނާ ވިދާޅުވީ، ރަށްރަށުން ގަސްގަހާގެހި ހައްދައިގެން ބޭސްވެރިކަމަށް ގެނެވޭނެ ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާޢީލް ޙަލީމާއި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ލައިޒާ ވިދާޅުވީ، ވަކި ބަޔަކަށް ތަނެއް ދޫކޮށްލުމުގެ ބަދަލުގައި، ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާއިގެހި ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހައްދައި، ބޭސްވެރިކަން ކުރާ ފަރާތްތައް ބޭނުންވާ މިންވަރަށް ފަތްޕިލާވެލި ދޫކުރުމަކީ އެންމެ ރަނގަޅު ހައްލު ކަމަށެވެ.

މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ ވިދާޅުވިގޮތުގައި، ގަބުރު ވަޅުލައިފައި ހުންނަ ތަންތަނުގައި، ނުވަތަ ސާފުނުކޮށް ހުންނަ ތަންތަނުގައި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާއިގެހި އިންދައި ބޭނުންކުރުމަކީ އެހާ ފައިދާހުރި ކަމެއް ނޫނެވެ.

"މާލޭ ސިޓީގައި ބިންތައް އެބަހުރިތާ، ގަސް އިނދޭނެތާ، ސަހަރާ ނޫން ބިމެއްގައި ހަމަ ތިކަން ކުރުން އެއީ ރަނގަޅު ކަމެއް ކަމަށް ފެނޭ އަޅުގަނޑަށް،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، ޢާޒިމް ވަނީ، މާލޭގައި ހުސްކޮށް ހުންނަ ބިންބިމުގައި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާއިގެހި ހައްދަން ހުށަހަޅުއްވައިފައެވެ.

ވިލިމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ސަމާޙް ވިދާޅުވީ، ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްގަހާއިގެއްސަކީ އުވިގެންދާ ގަސްގަހާއިގެހި ކަމަށެވެ. އެހެންކަމުން، އެފަދަ ގަސްގަހާއިގެހީގެ ފަތްޕިލާވެލި ހޯދުން ދަތިކަން ސަމާޙް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ދުރުރާސްތާއަށް ވިސްނައި ވަކި ސަރަހައްދެއްގައި ޕާކެއް ހަދައި، ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާއިގެހި އިންދުން ރަނގަޅު ކަމަށެވެ.

ސަމާޙްވެސް ވިދާޅުވިގޮތުގައި އެންމެ ރަނގަޅީ ކައުންސިލުން މި މަސައްކަތް ކުރުމެވެ.

"އަޅުގަނޑުމެން މި ގަސްތައް ހައްދައި، އަޅުގަނޑުމެން ބެލުމުގެ ދަށުގައި ބަހައްޓައި، އަދި މިކަމުގައި އެހީތެރިކަން ބޭނުންވާ ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް، އެ ބޭފުޅުންނާވެސް މަޝްވަރާކޮށްގެން ކުރިއަށް ގެންދާ ގޮތަށް، ހުސްބިންތަކުގައި ނެތިގެންދާ ގަސްތައް އިންދާ ގޮތަށް އަޅުގަނޑު ޕްރޮޕޯސްކުރަން ތި ބޭފުޅުންނަށް،" ޢާޒިމް ވިދާޅުވިއެވެ.