ނިއުދިއްލީގެ އިމާރާތެއްގައި އަލިފާން ރޯވެ 21 މީހަކު މަރުވެއްޖެ
ނިއުދިއްލީގެ އިމާރާތެއްގައި އަލިފާން ރޯވެ 21 މީހަކު މަރުވެއްޖެ

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މީހުން ގިނަ ސަރަހައްދެއްގައި ހުރި އިމާރާތެއްގައި ރޯވެ މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މިހާތަނަށް 21 މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

އޭއެފްޕީއާ ހަވާލާދީ، އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ދިއްލީގެ ދެކުނުގައި އޮންނަ މާލްވިޔާ ނަގަރު ސަރަހައްދުގައެވެ.

އަލިފާން ރޯވީ ތިރީ ފަންގިފިލާގައި ރެސްޓޯރެންޓެއް އަދި މަތީ ފަންގިފިލާތަކުގައި ހޮޓަލެއް ހިންގަމުންދިޔަ ބޮޑު އިމާރާތެއްގައެވެ.

މި ސަރަހައްދަކީ ގިނަ އަދަދަކަށް ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ ޒުވާނުން ދިރިއުޅޭ، ކުދި ހޮޓާތަކާއި ފިހާރަތަކުން ފުރިފައިވާ ތޮއްޖެހުން ބޮޑު ސަރަހައްދެކެވެ.

ދިއްލީ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ނިއްވާ އަށް ލޮރީ ބޭނުންކޮށްގެން އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި 40 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށް، ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ވަނީ ގެންގޮސްފައެވެ.

ދިއްލީގެ ދެކުނުގައި އޮންނަ މާލްވިޔާ ނަގަރު ސަރަހައްދުގެ އިމާރާތެއްގައި ރޯވެ، އަނދަނީ --

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، ފުލުހުން ދަނީ އެކަން ތަހުގީގު ކުރަމުންނެވެ. ހާދިސާގެ މަންޒަރުތަކުން ފެންނަ ގޮތުގައި، އިމާރާތުގެ ކުޑަދޮރުތަކުން ކަޅު ދުން އަރަމުންދިޔައިރު، ބައެއް މީހުން ސަލާމަތްވުމަށް ޓަކައި ކުޑަދޮރުތަކުން އެލިގަނެގެން އެހީއަށް އެދި ގޮވަމުންދިޔައެވެ.

އިދާރާތައް އެ ސަރަހައްދަށް ދިއުމުގެ ކުރިން، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ވަނީ އިމާރާތުގައި ތާށިވި މީހުން ސަލާމަތްކުރުމުގައި މަސައްކަތްކޮށްދީފައެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އުޅުނު ބޭރު ގައުމުތަކުގެ މީހުން ވެސް ހިމެނެއެވެ.

ނިއުދިއްލީއަކީ ބޭސްފަރުވާއަށް ދާ މީހުންގެ މެދުގައި މަގުބޫލު މަންޒިލަކަށްވާއިރު، ގިނަ އަދަދެއްގެ ބިދޭސީން ބޮޑެތި ހޮސްޕިޓަލްތަކާ ކައިރީގައި ހުންނަ މިފަދަ ހޮޓާތަކާއި ކުއްޔަށްދޭ އެޕާޓްމަންޓްތަކުގައި ދިރިއުޅެއެވެ.

މި ހާދިސާއާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.