03 Jun 2026, 13:33

ދިވެހި ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ޓްރޭނިން ނިންމި ދަރިވަރުންގެ ތެރެއިން 77 ދަރިވަރަކު ފަންނީ ތަމްރީނުތަކަށް ބ. ކިހާދުއަށް މިއަދު ފުރައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައިވަނީ، ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލީ ދަރިވަރުން ކިހާދޫގައި ހުންނަ އެމްއެންޑީއެފްގެ އިންޖިނިއަރިން އަދި ލޮޖިސްޓިކްސް ސްކޫލުގައި ތަމްރީނުތައް ފުރިހަމަކުރުމަށް ފުރައިފައިވާ ކަމަށެވެ.
ފަންސާސް ރަށަކަށް ނިސްބަތްވާ، އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ 77 ދަރިވަރަކު ބައިވެރިވާ މި ތަމްރީނުގައި ފަންނީ ހަ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު، އެ ދަރިވަރުންނަށް ލިބޭނެކަމަށް، އެމަނިކުފާނުގެ ޕޯސްޓުގައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުން 344 ދަރިވަރަކު ދަސްވެނިވެފައިވެއެވެ.
ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުގައި 112 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވިއެވެ. އެއީ، 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ.

ބ. ކިހާދުއަށް އިތުރު ތަމްރީނުތަކަށް ފުރި ދަރިވަރުން ފޮޓޮއަކަށް ހުއްޓި --- ފޮޓޯ: ރައީސް ޑރ. މުޙައްމަދު މުޢިއްޒު / އެކްސް
މި ޕްރޮގްރާމުގެ ތެރެއިން އެ ކުދިންނަށް ވަނީ އިސްލާމީ އަޚުލާގީ ސިފަތަކާއި އާންމު އިޖުތިމާއި ރިވެތި ސިފަތަކާއި ދިވެހި ގައުމިއްޔަތުގެ މުހިންމު ބައިތައް ކިޔަވައިދީފައެވެ. ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި އުޅޭނެ ގޮތްތަކާއި އެކި ހާލަތްތަކުގައި މަސައްކަތްކުރާނެ ހުނަރުތައް އެ ޒުވާނުންނަށް ވަނީ ކިޔައިދީފައެވެ.
ރާއްޖޭގެ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސްގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 344 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އޭގެ ތެރެއިން، ބައެއް ދަރިވަރުން ބ. ކިހާދޫގައި ތަމްރީނުތައް ފުރިހަމަކޮށްފައިވެއެވެ.