03 Jun 2026, 13:03
މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު، ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާ ދުވަސްވަރު އެއާޕޯޓުގެ ޓްރެފިކް ބާރުބޮޑުވާނެތީ، އެއާޕޯޓަށް ދަތުރުކުރުމުގައި އާންމު ދަތުރުފަތުރުގެ ނިޒާމު ނުވަތަ ބަހުގެ ޚިދުމަތް ބޭނުންކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ހައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުން ފެށިގެންނެވެ. މީގެ އިތުރުން އަންނަ އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު ވެސް ހައްޖުވެރިން ގޮވައިގެން ފްލައިޓްތައް ރާއްޖެ އަންނާނެއެވެ.
މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ހައްޖުވެރިންނާއި، އެ އެ މީހުންނަށް މަރުހަބާ ކިއުމަށް ޒިޔާރަތްކުރާ އާއިލާތަކުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ވަރަށް ބޮޑަށް ބާރުބޮޑުވާނެ ދުވަސްވަރެއް ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
އެ ކުންފުނިން ބުނީ، އެއާޕޯޓުގެ ޓްރެފިކް އިތުރުވުމުގެ ސަބަބުން ޕާކިންގް ހޯދުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން، އެއާޕޯޓަށް ދާ ފަރާތްތަކުންނާއި ދަތުރުވެރިން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށާއި، ވީހާވެސް ބޮޑަށް ބަހުގެ ޚިދުމަތް ބޭނުންކުރުމަށް ވަނީ ބާރުއަޅާފައެވެ.