އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށްވާ، ސްކޫލު ކުދިންނަށް ހިލޭ ކާންދޭ ޕްރޮގްރާމް ހިންގާ އިދާރާގެ ވެރިޔާ ދަދާން ހިންދަޔާނާ މަގާމުން ވަކިކުރައްވައިފިއެވެ.

އަންގާރަ ދުވަހު އޭނާ މަގާމުން ވަކިކުރައްވާފައި ވަނީ، އެ ޕްރޮގްރާމުގެ ދަށުން ދިން ކާނާ ކައިގެން އެތައް ހާސް ކުދިންނެއް ވިހަވުމުގެ މައްސަލަތަކަކާއި، ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ނޭޝަނަލް ނިއުޓްރިޝަން އޭޖެންސީ (ބީޖީއެން) ގެ ވެރިޔާގެ މަގާމުގައި ހުންނެވި ދަދާން ވަކިކުރެއްވިކަން އިއުލާނުކުރައްވަމުން، ސްޓޭޓް ސެކްރެޓަރީ ޕްރަސެޓްޔޯ ހާދީ ވިދާޅުވި ގޮތުގައި، މި ބަދަލު ގެންނެވީ ކާބޯތަކެތީގެ ފެންވަރާއި އިދާރީ ހިންގުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ.

އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ހިންގާ މި ޕްރޮގްރާމަކީ 80 މިލިއަން ކުދިންނަށް ހިލޭ ކާނާ ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފެށި ފަހުން މުޅި އިންޑޮނޭޝިއާގެ އެތައް ހާސް ކުދިންނެއް ވަނީ ކާނާ ވިހަވުމުގެ ސަބަބުން ބަލިވެފައެވެ. ލޯކަލް އެންޖީއޯއެއް ކަމަށްވާ ނެޓްވޯކް ފޯ އެޑިއުކޭޝަން ވޮޗް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޭޕްރީލް މަހާ ހަމައަށް 33،000 އަށް ވުރެ ގިނަ ކާނާ ވިހަވުމުގެ މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. ހަމައެކަނި މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް 2،000 އަށް ވުރެ ގިނަ ކުދިންނަށް ވަނީ ކާނާ ވިހަވުމުގެ މައްސަލަތައް ދިމާވެފައެވެ. މީގެ ތެރޭގައި ޖަމްބީ ޕްރޮވިންސްގައި 145 ކުދިންނާއި، ސެންޓްރަލް ޖާވާގައި 540 ކުދިން ހިމެނެއެވެ.

މީގެ އިތުރުން، އިންޑޮނޭޝިއާގެ ކޮރަޕްޝަން ވޮޗް އިން ވަނީ ބަޖެޓު ޚަރަދުކުރުމުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ ދަދާންއާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައެވެ. މި މައްސަލަތަކާ ގުޅިގެން، ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮފިޝަލުން ވަނީ ނޭޝަނަލް ނިއުޓްރިޝަން އޭޖެންސީގެ އިމާރާތަށް ވަދެ ފާސްކޮށްފައެވެ. އަދި އެ ވަގުތު އެ އިދާރާގެ މުވައްޒަފުން އޮފީހަށް ވަނުން ވެސް މަނާކުރިއެވެ.

މި ޕްރޮގްރާމަށް ކުރާ ޚަރަދު ބޮޑުވުމުގެ ސަބަބުން، ދާދި ފަހުން ވަނީ ހަފުތާއަކު ހަ ދުވަހު ކާންދިނުމުގެ ބަދަލުގައި ފަސް ދުވަހަށް އެ ޕްރޮގްރާމް ކުޑަކޮށްފައެވެ. މި ބަދަލުގެ ސަބަބުން 40 ޓްރިލިއަން ރުޕިއާ (2.3 ބިލިއަން އެމެރިކާ ޑޮލަރު) ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ދަދާންގެ ބަދަލުގައި އެ އިދާރާގެ ވެރިޔާގެ މަގާމަށް މިހާރު އައްޔަންކުރައްވާފައިވަނީ އޭނާގެ ނައިބަކަށް ހުންނެވި ނާނިކް ސުދަރްޔާތީ ދެޔަންގްއެވެ. ނާނިކް އަކީ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕްރަބޯވޯގެ ކެމްޕެއިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއް ވެސް މެއެވެ.

މި ބަދަލާ ގުޅިގެން ބައެއް ފަރާތްތަކުން މަރުހަބާ ކިޔާފައިވީ ނަމަވެސް، ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ނާނިކްގެ ކިބައިގައި ނިއުޓްރިޝަން ނުވަތަ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ އެއްވެސް ތަޖުރިބާއެއް ނެތެވެ. މީގެ ކުރިން މަގާމުގައި ހުންނެވި ދަދާން އަކީ ސޫފާސޫތްޕާ ބެހޭ އިލްމުވެރިއެކެވެ. އޭނާ މަގާމުގައި ހުންނެވިއިރު، ކޮންމެ މީހަކު ދުވާލަކު ދެ ލީޓަރު ކިރު ބުއިމަށާއި، ހިލޭ ދޭ ކާނާގައި ޕްރޮޓީންގެ ގޮތުގައި ސޫތްޕާއި ފަނިފަކުސަ ހިމެނުމަށް ހުށަހެޅުއްވުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

މީގެ އިތުރުން، އޭނާ މަގާމުން ވަކިކުރުމުގެ ކުރިން، ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަކަށްފަހު، މި ހިލޭ ކާންދޭ ޕްރޮގްރާމް ސައުދީ އަރަބިއްޔާގައި ތިބޭ އިންޑޮނޭޝިއާގެ ދަރިވަރުންނަށް ފުޅާކުރުމަށް ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ. މިފަދަ ހުށަހެޅުންތަކުގެ ސަބަބުން އޭނާގެ ގާބިލުކަމާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.