ބަރު އުފުލައިގެން ކަސްރަތު ކުރުމަކީ އުމުރު ދިގުކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި
ބަރު އުފުލައިގެން ކަސްރަތު ކުރުމަކީ އުމުރު ދިގުކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި

ހަފްތާއަކު 90 މިނެޓާއި ދެ ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ބަރު އުފުލައިގެން ކަސްރަތު ކުރުމަކީ އަވަހަށް މަރުވުމުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

ބްރިޓިޝް ޖާނަލް އޮފް ސްޕޯޓްސް މެޑިސިންގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި 147،374 މީހުން ބައިވެރިކޮށްގެން 30 އަހަރު ދުވަހުގެ މުއްދަތަކަށް މައުލޫމާތު އެއްކޮށްފައިވެއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގަވާއިދުން ބަރު އުފުލައިގެން ނުވަތަ ރެސިސްޓެންސް ޓްރެއިނިން ހަދާ މީހުންނަށް، އެކި ސަބަބުތަކާ ހުރެ އަވަހަށް މަރުވުމުގެ ނުރައްކާ 13 އިންސައްތަ ކުޑަކޮށްދެއެވެ.

މީގެ އިތުރުން، ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ ކާޑިއޯވެސްކިއުލާ ބަލިތަކުގައި މަރުވުމުގެ ނުރައްކާ 19 އިންސައްތަ ދަށްކޮށްދޭއިރު، ސިކުނޑީގެ ބަލިތަކުގައި މަރުވުމުގެ ނުރައްކާ 27 އިންސައްތަ ދަށްކޮށްދޭ ކަމަށް ދިރާސާކުރި ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި އެންމެ ބޮޑު ފައިދާއެއް ކުރަނީ ބަރު އުފުލުމުގެ ކަސްރަތުގެ އިތުރުން އެރޯބިކް ކަސްރަތު (ދުވުން، ބައިސްކަލް ދުއްވުން ނުވަތަ ފެތުން ފަދަ ކަސްރަތު) ގަވާއިދުން ކުރާ މީހުންނަށެވެ. މިގޮތަށް ދެ ބާވަތުގެ ކަސްރަތު އެއްކޮށް ކުރާ މީހުންގެ އަވަހަށް މަރުވުމުގެ ނުރައްކާ 58 އިންސައްތައަށް ދަށްވެގެންދާ ކަމަށް ހޯދުންތަކުން ދައްކައެވެ. ނަމަވެސް، ހަފްތާއަކު ދެ ގަޑިއިރަށް ވުރެ ގިނައިން ބަރު އުފުލުމުގެ ކަސްރަތު ކުރުމުން އިތުރު ސިއްހީ ފައިދާއެއް ލިބޭކަން ފާހަގަކުރެވިފައި ނުވާ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ޕާސަނަލް ޓްރެއިނަރެއް ކަމަށްވާ ބެވް ވިލްސަން ބުނި ގޮތުގައި، ބަރު އުފުލައިގެން ކަސްރަތު ކުރުމަކީ ހުޅުހުޅުގައި ރިއްސުމާއި، ވަރުބަލިވުން އަދި ބަރުދަން އިތުރުވުން ފަދަ މައްސަލަތަކަށް އޮތް ވަރަށް ރަނގަޅު ހައްލެކެވެ. އަދި މީގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށާއި، ކަށިތައް ވަރުގަދަކުރުމުގެ އިތުރުން ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކޮށްދީ ހަނދާން ގަދަކޮށްދިނުމަށް އެހީތެރިވެދޭ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ސްޕޯޓް އިންގްލެންޑްގެ ހެލްތު އެންޑް ވެލްބީން ޕޮލިސީގެ ސްޓްރެޓީޖިކް ލީޑް ޓޮމް ބާޓަން ވިދާޅުވި ގޮތުގައި، ބާރުގަދަކުރުމަށް ކުރާ ކަސްރަތުތަކަކީ އުމުރުން ދުވަސްވާއިރު ސިއްހަތު ރަނގަޅުކޮށްދީ، މީހާގެ ހަރަކާތްތެރިކަން ދެމެހެއްޓުމަށް އެހީތެރިވެދޭ ވަރަށް މުހިންމު ވަސީލަތެކެވެ. އަދި މީގެ ސަބަބުން ސިއްހީ ނިޒާމަށް އޮންނަ ބާރު ކުޑަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.