18 Sep 2012, 16:39
ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް މާޗް 19 ވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާގައި ވީޓީވީއަށް ގާ އުކި ކަމަށް ތުހުމަތު ކުރެވޭ އިތުރު ދެ މީހެއްގެ މައްޗަށް ހެކިބަސް ނަގައިފި އެވެ.
ވީޓީވީއަށް ގާއުކި ކަމަށް ތުހުމަތު ކުރެވޭ ގ. ހާލަމް، އަހުމަދު މުހީން 22، އާއި މ. ނޫރުޒޭރުގޭ، ހުސެއިން ޝިފާއު ޖަމީލު 19، ގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކީން ތެރެއިން މިއަދު ނަގާފައި ވަނީ ނުވަ މީހެއްގެ ހެކިބަހެވެ.
މުހީންގެ މައްޗަށް ހެކިބަސް ދިން ތިން މީހުންވެސް ބުނެފައި ވަނީ މުހީން ވީޓީވީއަށް ގާ އުކި މަންޒަރު އެ މީހުންނަށް ފެނުނު ކަމަށެވެ. އަދި ޝިފާއުގެ މައްޗަށް ހެކިބަސް ދިން ހަ މީހުންގެ ތެރެއިން ދެ މީހަކު ވަނީ އޭނާ ވީޓީވީއަށް ގާއުކިތަން ދުށްކަމަށް ބުނެފަ އެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައިގައި ދައުވާ ލިބޭ މާލޭ ދަފުތަރު 7471 މުހައްމަދު ހަމީދު 50، އާއި ރ. އަލިފުށީ ހަމީދީ މަންޒިލް، އަހުމަދު ހަމީދު 29، ހަމައެގޭ ހުސެއިން ހަމީދު 26، ވީޓީވީގެ އިމާރާތަށް ގާއުކި މަންޒަރު ދުށް ކަމަށް ބައެއް މީހުން ވަނީ ހެކިބަސް ދީފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުވާ ލިބޭ މީހުންގެ ތެރެއިން ހ. ލަދުމާގެއާގެ، އަހުމަދު ނައީމް 27، އާއި އއ. ފެރިދޫ އާޒާދުގޭ، ޣާނިމް ހަސަން 19، އާއި ރ. މަޑުއްވަރީ ފެހިއަލި އިސްމާއިލް ހައްމާދު 19 ގެ މައްޗަށް ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުން މާދަމާ އޮންނާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.
މީގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުވާ ކޮށްފައި ވެއެވެ.
އެ އެންމެންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ނ) އާއި ހަވާލާދީ އެ މާއްދާގެ (ބ) ގެ ދަށުން މީހެއްގެ މުދަލަށް ގެއްލުމެއް ދޭން އުޅުމުގެ ކުށުގެ ދައުވާ އެވެ.
އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ތިން އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
މާޗް މަހުގެ 19 ވަނަ ދުވަހު ވީޓީވީ ކައިރީ ކުރި މުޒާހަރާގެ ބައެއް ބައިވެރިން ވީޓީވީއަށް ގާއުކުމުގެ އިތުރަށް ވީޓީވީގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންނާއި ދިމާލަށް ގާއުުކުމުގެ ސަބަބުން ސިފައިންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.
ވީޓީވީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާފައި އެ ސްޓޭޝަނުން ވަނީ އެދުވަހު އެތާގެ ސެކިއުރިޓީ ބެލެހެއްޓި ސިފައިންނަށް އެވޯޑު ދީފައެވެ.