ރަވީނާގެ މަންމަ ބަލަން ހަވާލުވެހުރި މުވައްޒަފަށް ވައްކަމުގެ ބޮޑު ތުހުމަތެއް
ރަވީނާގެ މަންމަ ބަލަން ހަވާލުވެހުރި މުވައްޒަފަށް ވައްކަމުގެ ބޮޑު ތުހުމަތެއް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ރަވީނާ ޓަންޑަންގެ މަންމަ ބަލަހައްޓަން ހަވާލުވެހުރި އަންހެނަކު، އެގޭގެ ތިޖޫރީން 25 ލައްކަ ރުޕީސް (26،000 އެމެރިކާ ޑޮލަރު)ގެ އަގުހުރި ގަހަނާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މުމްބާއީ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 47 އަހަރުގެ ރާޝީ ޗަބްރިއާ ނަމަކަށް ކިޔާ އަންހެނެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޗަބްރިއާ އަކީ 2020 ވަނަ އަހަރުން ފެށިގެން ރަވީނާގެ 86 އަހަރުގެ މަންމަ ވީނާ ޓަންޑަން ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އައި މީހެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އެގޭގައި މަސައްކަތް ކުރުމުގެ ސަބަބުން އޭނާއަށް އާއިލާގެ ފުރިހަމަ އިތުބާރު ލިބިފައިވާއިރު، ގޭގެ އެކި ތަންތަނަށް ވަދެ ނުކުމެ ހެދުމުގެ ފުރުސަތު އޭނާއަށް އޮންނަ ކަމަށް އާއިލާއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

މި ވައްކަމުގެ މައްސަލަ ފަޅާއެރީ މިދިޔަ އަހަރުގެ ދުޝޭރާ ފެސްޓިވަލްގެ ތެރޭގައި، ގޭގައި ހުރި އަގުބޮޑު ބައެއް ތަކެތި މަދުކަން އާއިލާގެ މެންބަރުންނަށް ފާހަގަވުމުންނެވެ.

ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ރަނާއި އަލިމަހުގެ ގަހަނާތަކުގެ އިތުރުން ރަވީނާގެ ކޮއްކޮ ރަޖީވް ޓަންޑަންގެ އަގުބޮޑު އަތުކުރީ ގަޑިތަކެއް ވެސް ހިމެނެއެވެ.

ރަވީނާ ބަތަލާގެ މަންމަ ވީނާ ޓަންޑަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ތަކެތި ގެއްލުމާ ގުޅިގެން މުމްބާއީ ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި ޝައްކު ކުރެވުނީ ޗަބްރިއާ އަށެވެ. ފުރަތަމަ ސުވާލު ކުރުމުން އޭނާ އެކަމަށް އިންކާރު ކުރި ނަމަވެސް، ފުލުހުން ހޯދި ހެކިތަކާ އެކު މިހާރު އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ބެލެވޭ ގޮތުގައި އޭނާ މި ތަކެތި ވަގަށް ނަގާފައި ވަނީ ގޭގައި ހުރި ތިޖޫރީއެއް ހުޅުވައިގެންނެވެ.

ފުލުހުން ވަނީ ވަގަށް ނަގާފައިވާ ބައެއް ގަހަނާތަކާއި އަގުބޮޑު ސާމާނު މިހާރު ހޯދާފައެވެ. އަދި ބާކީ ހުރި ތަކެތި ހޯދުމަށާއި، މި ވައްކަމުގައި އިތުރު ބަޔަކު ބައިވެރިވެފައިވޭތޯ ބެލުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން އާއިލާގެ އިތުބާރު ހޯދައިގެން އުޅުނު މީހަކު މިފަދަ ކަމެއް ކުރުމުން، މި މައްސަލައަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ފުލުހުން ބުނެފައި ވަނީ ތަހުގީގު ކުރިއަށްދާ ވަރަކަށް މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަވާނެ ކަމަށެވެ.

ނުވަދިހައިގެ އަހަރުތަކުގެތެރޭ ބޮލީވުޑްގައި ވިދާލި ބަތަލާ ރަވީނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އިން ގަލިޔޯ މޭ"އިންނެވެ.

ރަވީނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 26ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމު "ވެލް ކަމް ޓު ދަ ޖަންގަލް"ގެ ރޯލަކުންނެވެ.