03 Jun 2026, 08:37
އައިފޯން 17 އަދި އައިފޯން އެއާ ބޭނުންކުރާ ބައެއް ފަރާތްތަކަށް ދިމާވަމުންދިޔަ ޗާޖުނުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެޕަލް ކުންފުނިން އައިއޯއެސް 26.5.1 ގެ އަޕްޑޭޓް ރަސްމީކޮށް ނެރެފިއެވެ.
މި އަޕްޑޭޓަކީ މީގެ ތިން ހަފްތާ ކުރިން ނެރުނު އައިއޯއެސް 26.5 ގެ ފަހުން ނެރުނު ކުޑަ އަޕްޑޭޓެކެވެ. މިއީ މައިގަނޑު ގޮތެއްގައި އައިފޯން 17 ގެ ސީރީޒްގެ ފޯނުތަކަށާއި އައިފޯން އެއާ މޮޑެލްތަކަށް އަމާޒުކޮށްގެން ނެރުނު އަޕްޑޭޓެއް ކަމަށް އެޕަލް އިން ހާމަކުރެއެވެ.
އެޕަލް ކުންފުނިން ނެރުނު ބަޔާނުގައިވާ ގޮތުން، މި އަޕްޑޭޓުން ހައްލުކޮށްދެނީ ފޯނުގެ ބެޓެރީ މާބޮޑަށް ދަށްވެ، ނިވުމާ ގާތްވުމުން ކޭބަލް ގުޅައިގެން ޗާޖުކުރަން އުޅުމުން ޗާޖުނުވާ މައްސަލައެވެ. މި މައްސަލަ ދިމާވަނީ މަދު އަދަދެއްގެ ޔޫޒަރުންނަށް ކަމަށް އެޕަލް އިން ބުނި ނަމަވެސް، ގިނަ ބަޔަކު ވަނީ ފޯނުގެ ބެޓެރީ މުޅިން ހުސްވެގެން ނިވުމުން ޗާޖަރަށް ޖެހިޔަސް އެއްވެސް ނިޝާނެއް ނުދައްކާ ސްކްރީން ކަޅުވެފައި ހުންނަ ކަމަށް ބުނެ ޝަކުވާކޮށްފައެވެ.
މި މައްސަލަ ދިމާވުމުން ފޯނު ރީސްޓާޓް ކުރަން އުޅުމުންނާއި، އެކި ކަހަލަ ކޭބަލްތަކާއި އެޑަޕްޓަރުތައް ބޭނުންކޮށްގެން ވެސް ޗާޖުވާ ގޮތް ނުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބައެއް ފަރާތްތަކުން ބުނި ގޮތުގައި މިގޮތަށް ބެޓެރީ ހުސްވެގެން ނިވުމުން ފޯނު އަލުން ހުޅުވޭވަރުވީ ވަޔާލެސް ޗާޖަރެއް ބޭނުންކޮށްގެން ޗާޖުކުރުމުންނެވެ. މި އަޕްޑޭޓުގެ ސައިޒަކީ އައިފޯން 17 އަށް ގާތްގަނޑަކަށް 12.71 ޖީބީ އެވެ.
މި އާ އަޕްޑޭޓް އައިފޯނަށް އަޅަން ބޭނުންވާ ފަރާތްތަކަށް ސެޓިންގްސްގެ ޖެނެރަލް އަށް ގޮސް ސޮފްޓްވެއާ އަޕްޑޭޓް މެދުވެރިކޮށް މިހާރު އަޕްޑޭޓް ކުރެވޭނެއެވެ.
އެޕަލް އިން މި އަޕްޑޭޓް ނެރެފައި މިވަނީ ކުރިއަށް އޮތް ޑަބްލިއުޑަބްލިއުޑީސީ 2026 ކޮންފަރެންސްގައި އައިއޯއެސް 27 ދައްކާލުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
މި މައްސަލައަކީ ފާއިތުވި މަސްތަކުގައި އައިފޯން 17 ސީރީޒް އަދި އައިފޯން އެއާ ބޭނުންކުރާ ގިނަ ބަޔަކަށް ދިމާވެ، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި މައްސަލައެކެވެ. މީގެ ކުރިން ނެރުނު އައިއޯއެސް 26.5 ގެ އަޕްޑޭޓާ އެކު އާރްސީއެސް އެންޑް-ޓު-އެންޑް އެންކްރިޕްޝަންގެ ޚިދުމަތް ތައާރަފްކުރި ނަމަވެސް، ގިނަ ޔޫޒަރުންގެ ޝަކުވާއަކަށްވީ ފޯނުގެ ބެޓެރީ މުޅިން ހުސްވުމަށްފަހު ދެން އަލުން ޗާޖުނުވުމެވެ.
ޓެކްނޮލޮޖީ ދާއިރާގެ ޚަބަރުތައް ބުނާގޮތުން، އެޕަލް އިން މި ނެރުނު ކުޑަ އަޕްޑޭޓަކީ މި ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ނެރުނު މުހިންމު އަޕްޑޭޓެކެވެ.