ކީރްތީގެ އާ ފިލްމަކީ ލޯބީގެ ވަރުގަދަ ތުރިލާއެއް
ކީރްތީގެ އާ ފިލްމަކީ ލޯބީގެ ވަރުގަދަ ތުރިލާއެއް

ދެކުނު އިންޑިއާގެ ކާމިޔާބު ބަތަލާއިންގެތެރޭ ހިމެނޭ ކީރްތީ ސުރޭޝް ވަރަށް ވަރުގަދަ ލޯބީގެ ތުރިލާއަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ބޮލީވުޑްހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ކީރްތީގެ މި އާ ފިލްމަކީ، ފިލްމު އިންޑަސްޓްރީގެ ވަރަށް މަޝްހޫރު ޑައިރެކްޓަރަކާ އެކު ބަތަލާ މަސައްކަތްކުރާ ބޮޑު ބަޖެޓެއްގެ ރޮމޭންސް-ތުރިލާއެކެވެ.

މިއީ މިހާތަނަށް ކީރްތީގެ ކެރިއަރުގައި ބަތަލާ ކުޅެފައިނުވާ ޖޯންރާއެއްގެ ފިލްމެއް ކަމަށާއި މި ފިލްމުގެ ސަބަބުން ކީރްތީގެ ފިލްމީ ކެރިއަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި ފިލްމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު ވަރަށް އަވަހަށް މި ފިލްމު އިއުލާނު ކުރަން ނިންމާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ކީރްތީ ފިލްމު "ބޭބީ ޖޯން"ގެ މުހިއްމު ތަރިން ކަމަށްވާ ވަރުން ދަވަން އަދި ވަމީގާ ގައްބީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ބޭބީ ޖޯން"އިން ހިންދީ ސިނަމާއަށް ތައާރަފްވެފައިވާ ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރި ތަމަޅަ ފިލްމު "ރިވޯލްވަ ރީތާ"އިންނެވެ.

ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ބަތަލާގެ އަތުގައި މިހާރުވެސް ހަ ފިލްމީ ޕްރޮޖެކްޓެއްގެ މަސައްކަތް އޮތްއިރު އޭގެތެރޭގައި ހިންދީ ފިލްމު "ރަފްތާރު" ވެސް ހިމެނެއެވެ. މި އަހަރު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވޭ މި ފިލްމު މިހާރު އޮތީ ޕޯސްޓު-ޕްރޮޑަކްޝަން މަރުހަލާގައެވެ.