18 Sep 2012, 16:04
ކީރިތި ރަސޫލާއަށް ހަޖޫޖަހައި، މަލާމަތް ރައްދުވާ ގޮތަށް އެމެރިކާގެ ހައްދުފަހަނަ އަޅާފައިވާ ބަޔަކު ނެރުނު ފިލްމުގެ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކީރިތި ރަސޫލާއަށް ހަޖޫޖަހައި، މަލާމަތް ރައްދުވާ ގޮތަށް އެމެރިކާގެ ހައްދުފަހަނަ އަޅާފައިވާ ބަޔަކު ނެރެފައިވާ ފިލްމަކީ މުސްލިމުންގެ ކަރާމާތަށާއި، މުސްލިމުންގެ ދީނީ މިނިވަންކަމަށް އަރައިގަނެ، އިސްލާމް ދީނާއި، މުސްލިމުންގެ ބުރަސޫރަ ހުތުރުކުރަން ކުރާ ކަންކަމުގެ ތެރެއިން ކަމެއް ކަމަށެވެ.
"މުސްލިމުން އެކަމާމެދު ކަންބޮޑުވާން ޖެހޭ، ކަންބޮޑުވުން ފާޅުކޮށް ހާމަކުރަންޖެހޭ. ވީމާ އެމުޑުދާރު ޢަމަލު ހަރު އަޑުން ކުއްވެރިކުރަން،" ބަޔާނުގައި ބުނެފައި ވެއެވެ.
މުސްލިމުންގެ ސޫރަ ކިލަނބު ކޮށްލުމުގެ އަމަލާ ގުޅިގެން އެކަމާ އިޙްތިޖާޖު ކުރުމުގައި ކަމާނުބެހޭ ފަރާތްތަކަށް ގޯނާކުރުމާއި، އެހެން ދީންތަކުގެ މީހުންގެ ދީނީ ކަރާމާތަށް އަރަގައިތުމާއި، އެހެން މީހުންގެ ޤައުމީ ކަންކަމަށް އަރައިގަނެ އިޙްތިރާމް ކުޑަކުރެވޭ ފަދަ ގޮތަކަށް ޢަމަލު ނުބެހެއްޓުމަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.