03 Jun 2026, 09:14

އަލްޒައިމާ ބަލީގެ އަލާމާތްތައް ފެނުމުގެ އެތައް އަހަރެއް ކުރިން ބަލި ދެނެގަނެވިދާނެ ކަމަށާއި އެކަމަށް ބޭނުންވަނީ ހަމައެކަނި ލޭގެ ޓެސްޓަކާއި ސިކުނޑީގެ ސްކޭނެއް ކަމަށް ފަހުގެ ދިރާސާއަކުން ދެނެގަނެވިއްޖެއެވެ.
ލެންސެޓް މަޖައްލާގައި ޝާއިޢުކޮށްފައިވާ ދެ ދިރާސާއަކުން ދައްކާގޮތުގައި، ހަށިގަނޑު ހަރަކާތްތެރިކޮށް ނޫޅުމާއި، ސިކުނޑި ބޭނުންކުރަންޖެހޭ ކަންކަމާ ދުރުވުމާއި، ނަފްސާނީ ބަލިތަކާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، އަދި ހިތުގެ ދުޅަހެޔޮކަން ފަދަ ބަދަލު ކުރެވިދާނެ ކަންކަމަށް ކުރިއާލައި ސަމާލުކަން ދިނުމަކީ ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބަލީގެ ނުރައްކާ ކުޑަކުރެވިދާނެ ކަންކަމެވެ.
ފުރަތަމަ ފަހަރަށް ސައިންސްވެރިން ވަނީ އަލްޒައިމާ ބަލީގެ އަލާމާތްތައް ނުފެންނަ، މެދު އުމުރުގެ މީހުންގެ ލޭގައި ހުންނަ ބައެއް މާއްދާތައް ބޭނުންކޮށްގެން، އެ މީހުންގެ ވިސްނުމަށް އަންނަ ކުދިކުދި ބަދަލުތައް ދެނެގަނެފައެވެ.
މީގެ މާނަ އަކީ ބަލީގެ އަލާމާތްތައް ފެނުމުގެ އެތައް އަހަރެއް ކުރިން ސިކުނޑިއަށް އަންނަ ބަދަލުތައް ދެނެގަނެވިދާނެކަމެވެ.

އަލްޒައިމާ ބަލީގެ އަސަރުތައް ސިކުނޑީގައި ފެށެނީ ބަލީގެ އަލާމާތްތައް ފެނުމުގެ އެތައް އަހަރެއް ކުރިން ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އަލްޒައިދްސް
ޔުނިވަސިޓީ އޮފް ކެލިފޯނިއާ ސެން ފްރެންސިސްކޯ (ޔޫސީއެސްއެފް)އިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ލޭގައި ހުންނަ 'ޓާއު' އަދި 'އެމިލޮއިޑް' ޕްރޮޓީންތައް މިންކޮށްގެން، ކުރިމަގުގައި މީހާގެ ވިސްނުމާއި ހަނދާން ބަލިކަށިވެގެންދާނެ މިންވަރު އަންދާޒާ ކުރެވިދާނެއެވެ.
އުމުރުން 53 އަހަރާއި 69 އަހަރާ ދެމެދުގެ 1,350 މީހުން ބައިވެރިކޮށްގެން ކުރި މި ދިރާސާގައި، އޭގެ ތެރެއިން ހައެއް އިންސައްތަ މީހުންގެ ލޭގައި އެމިލޮއިޑް އަދި ޓާއު ޕްރޮޓީން މަތިކޮށް ހުރިކަން ފާހަގަކުރެވުނެވެ.
މި މީހުންނަކީ ސިކުނޑީގެ މަސައްކަތްތައް ދަށް މީހުންކަން ވެސް މި ދިރާސާއިން ވަނީ ފާހަގަވެފައެވެ.
ޔޫސީއެސްއެފްގެ ސައިކިއޭޓްރީ އެންޑް ބިހޭވިއަރަލް ސައިންސަސްގެ ޗެއާ، ކްރިސްޓިން ޔަފޭ ވިދާޅުވި ގޮތުގައި، އަލްޒައިމާ ބަލީގެ އަސަރުތައް ސިކުނޑީގައި ފެށެނީ ބަލީގެ އަލާމާތްތައް ފެނުމުގެ އެތައް އަހަރެއް ކުރިންނެވެ.
ބަލި ކުރިއާލައި ދެނެގަނެވިއްޖެނަމަ، ދިރިއުޅުމުގެ އާދަކާދަތައް ބަދަލުކޮށްގެން ބަލީގެ ނުރައްކާ ކުޑަކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ކްރިސްޓިން ޔަފޭ ވިދާޅުވެފައިވެއެވެ.
ޔަފޭގެ ދިރާސާތަކުން ދައްކާގޮތުގައި، ހަށިގަނޑާއި ސިކުނޑި ހަރަކާތްތެރިކޮށް ބެހެއްޓުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ހިތުގެ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ޑިމެންޝިއާގެ %40 ކޭސްތައް ހުއްޓުވިދާނެ ނުވަތަ ލަސްކުރެވިދާނެ ކަންކަމެވެ.
ނިއުރޮލޮޖިސްޓް ޑރ.އަނިލް ވެންކިޓަޗަލަމް ވިދާޅުވި ގޮތުގައި، ލޭގެ މި ޓެސްޓުތަކަކީ މިހާރުވެސް ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ވަރަށް މުހިންމު ޓެސްޓުތަކެކެވެ. ނަމަވެސް، އެއްވެސް އަލާމާތެއް ނެތް ހުރިހާ އެންމެން މި ޓެސްޓު ހެދުމަކީ އަދި އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ޑރ.އަނިލް ލަފާދެއްވައެވެ.
މީގެ ސަބަބަކީ، ބައެއް ދުޅަހެޔޮ މީހުންގެ ސިކުނޑީގައި ވެސް މި ޕްރޮޓީންތައް ހުރެދާނެ ކަމާއި، އެހެންނަމަވެސް އެމީހުންނަށް ދުވަހަކުވެސް މި ބަލި ނުޖެހި ހުރެދާނެތީއެވެ. އެފަދަ ހާލަތެއްގައި ކުރިއާލައި ޓެސްޓު ހެދުމުން ބޭކާރު ހާސްކަމާއި ނަފްސާނީ ނުތަނަވަސްކަން ކުރިމަތިވުމުގެ ފުރުސަތު ފަހިވާނެ ކަމަށް ޑރ.އަނިލް ވަނީ ވިދާޅުވެފައެވެ.
މިހާރު ބޭނުންކުރާ ޕެޓް ސްކޭން ނުވަތަ ބުރަކަށިން ފެން ނަގައިގެން ކުރާ ޓެސްޓުތަކާ އަޅާބަލާއިރު، ލޭގެ ޓެސްޓަކީ އަގުހެޔޮ އަދި ފަސޭހަ ގޮތެކެވެ.
މީގެ އިތުރުން، ޔުނިވާސިޓީ އޮފް ޕިޓްސްބާގްގެ ސައިންސްވެރިން ވަނީ ޓާއު ޕްރޮޓީންތައް ކުރިއަށްވުރެ އަވަހަށް ދެނެގަނެވޭނެ ސިކުނޑީގެ އާ، ސްކޭން ޓެކްނޮލޮޖީއެއްވެސް ތައާރަފުކޮށްފައެވެ.
މި އާ ހޯދުންތަކުގެ ސަބަބުން، އަލްޒައިމާ ބަލީގެ ފަރުވާތަކާއި، ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުން ދެނެގަތުމުގައި ބޮޑެތި ކުރިއެރުންތަކެއް އެކަމަށް ލިބޭނެ ކަމަށް ތަޖުރިބާކާރުން އުންމީދު ކުރައްވައެވެ.