ހައުސިން ޕްރޮޖެކްޓްތަކަށް ބަޖެޓްގައި ހިމަނާފައިވާ 500 މިލިއަން ރުފިޔާގެ ލޯނު ގެރެންޓީގެ ތެރެއިން މިހާތަނަށް ސަރުކާރަށް ހަމަޖެހުނީ 150 މިލިއަން ރުފިޔާގެ ލޯނު ފައިސާ ކަމަށް މާލިއްޔަތު ކޮމެޓީން މިއަދު ބުނެފި އެވެ.

އެ 150 މިލިއަން ރުފިޔާ ހައުސިން ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް ދޫކުރުމުގެ ހުއްދައަކަށް މާލިއްޔަތު ކޮމެޓީގައި ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މިއަދު ކޮމެޓީ ބައްދަލުވުމުގައި މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ހައުސިން ޕްރޮޖެކްޓަށް ކަޑައަޅާފައި ހުރި ލޯނުތަކުގެ ތެރެއިން ސަރުކާރަށް އަދި ލިބިފައިވަނީ 150 މިލިއަން ރުފިޔާގެ ލޯނު ކަމަށާއި ބާކީ ހުރި ފައިސާ ނުލިބިގެން އުޅެނީ މާލީގޮތުން އެކި މައްސަލަތައް ދިމާވެގެން ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެޗްޑީއެފްސީއާ ހަވާލުކުރާ އެ ލޯނު ފައިސާ ބޭނުން ކުރަނީ މާލެގައި ގެދޮރުގެ ދަތިތަކަން ދިމާވެފައިވާ ފަރާތްތަކަށް ހައްލުހޯދައި ދިނުމަށް ކަމަށެވެ.

ކޮމެޓީގައި ބައެއް މެންބަރުން މިއަދު ވިދާޅުވީ މިވަގުތަށް އެ ފައިސާ އެޗްޑީއެފްސީއަށް ދޫކުރުމަކީ ފެންނަ ކަމެއް ނޫން ކަމަށެވެ. މުލަކު ދާއިރާގެ މެންބަރުން އަބްދުﷲ ޔާމީން ވިދާޅުވީ އެ ފައިސާ ހައުސިން ޕްރޮޖެކްޓަކަށް ބޭނުން ކުރުމަށް ވުރެ މިވަގުތު ރަށްރަށުގައި ހުރި އިންޖީނުތަކަށް ސަބްސިޑީ ދިނުމާއި ރައްޔިތުންގެ ލާބަޔަށް ކޮންމެހެން ވެސް ކުރަން ޖެހޭ ބައެއް ހަރަދުތައް ކުރުމަށް ހޭދަކުރުން މާ މުހިންމު ކަމަށެވެ.

ކޮމެޓީގައި ޑީއާރުޕީ ތަމްސީލް ކުރައްވާ މެންބަރު މަޑުއްވަރީ ދާއިރާގެ ވިޝާމް އަލީ ވިދާޅުވީ އެވަރުގެ ލޯނު ފައިސާއެއް އެޗްޑީއެފްސީއާ ހަވާލުކުރާއިރު އެޗްޑީއެފްސީގެ މާލީ ހާލަތަކީ ކޮބައިކަން ނޭނގޭ ކަމަށާއި އެ ފައިސާ އެޗްޑީއެފްސީއާ ހަވާލު ކުރަން ހުއްދަދެވޭނީ އެޗްޑީއެފްސީގެ މާލީ ހާލަތު ދެނެގަތުމަށް ފަހު ކަމަށެވެ.

ބިލަތްދޫ ދާއިރާގެ މެންބަރުން އަހުމަދު ހަމްޒާ ވިދާޅުވީ އެ ލޯނު އެޗްޑިއެފްސީއަށް ދިނުމާއި މެދު އޭނާ ކަނޑައެޅިގެން ދެކޮޅު ކަމަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނި ހައުސިން ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާ ހަރަދު ކުރުމަކީ އިޖުތިމާއީ އަދާލަތު ގެއްލިގެން ދާނެ ކަމަށެވެ. އަދި މެންބަރުން ވަނީ އެ ލޯނުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބުރަބޮޑުވެދާނެތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މުގައްރިރު ވިދާޅުވީ އެ ލޯނު އެޗްޑީއެފްސީއާ ހަވާލުކުރުމަށް ހުއްދަދެވޭނީ އެކަމުގައި ސާފުކުރަން ޖެހޭކަން ކަން ސާފުކުރުމަށް ފަހު ކަމަށާއި އެކަންތައްތައް ސާފުކުރުމަށްފަހު އެކަމަށް އަލުން ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.