އިންޑިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއާ އިންޑިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ރާއްޖެއަށް ދަތުރުކުރާ އެންމެ ގިނަދުވަސްވީ އެއް އެއާލައިނަކީ އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާއެވެ. މިއީ ރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރި އިންޑިއާގެ ފުރަތަމަ އެއާލައިނެވެ.

މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ވަނީ، އިންޑިއާގެ ނިއުދިއްލީއާއި މާލެއާ ދެމެދު އެ އެއާލައިނުން ކުރާ ދަތުރުތައް އޮގަސްޓް މަހުގެ ނިޔަލަށް މެދުކަނޑާލާފައިވާ ކަމަށެވެ.

ރާއްޖެއަށް ކުރާ ދަތުރުތަކުގެ އިތުރުން އެއާ އިންޑިއާއިން ވަނީ، ނިއުދިއްލީއާއި ޗައިނާގެ ޝަންހާއީއާ ދެމެދު ކުރާ ދަތުރުތަކާއި، ބަންގްލަދޭޝްގެ ދާކާއަށް ކުރާ ދަތުރުތަކާއި، އިންޑިއާގެ ޗެންނާއީން ސިންގަޕޫރަށް ކުރާ ދަތުރުތަކާއި، އެމެރިކާގެ ބައެއް މަންޒިލުތަކަށް ކުރާ ދަތުރުތައް ވެސް އޮގަސްޓް މަހުގެ ނިޔަލަށް މެދުކަނޑާލައިފައެވެ.

އެކަމަކު އިންޑިއާގެ ނިއުދިއްލީން، އަދި މުމްބާއީން ސިންގަޕޫރަށް ކުރާ ދަތުރުތައް ހިމެނޭހެން، ގިނަ މަންޒިލްތަކަކަށް އެއާ އިންޑިއާއިން ކުރާ ދަތުރުތައް ވަނީ މަދުކޮށްފައެވެ.

އެއާ އިންޑިއާއިން ބުނީ، މި ބަދަލުތައް ގެނެސްފައި ވަނީ ބައެއް މަންޒިލްތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައި އޮންނަ އޮތުން ދިގުލައިގެން ދިއުމާއި، ޖެޓް ފިއުލްގެ އަގު އުފުލިގެން ދިއުން ފަދަ ކަންތައްތަކުގެ ސަބަބުން ކަމަށެވެ.

މިދިޔަ މަހު ގެނައި މި ބަދަލުތަކުގެ ސަބަބުން ބައެއް ދަތިތައް ދިމާވާނެ ކަމަށް އެއާ އިންޑިއާއިން ބުންޏެވެ. ނަމަވެސް ކޮންމެ މަހަކު ބޭރުގެ މަންޒިލްތަކަށް އެއާ އިންޑިއާގެ 1،200 ފްލައިޓް އުދުއްސާނެ ކަމުގެ ޔަގީންކަން އެ އެއާލައިނުން ވަނީ ދީފައެވެ.

އެއާ އިންޑިއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައްފެށީ ފެބްރުވަރީ 21، 1976 ގައެވެ.

އިންޑިއާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް އަންނަ ގައުމެކެވެ. ފަތުރުވެރިން އެންމެ ގިނައިން އަންނަ ދިހަ ގައުމުގެ ތެރޭ އިންޑިއާ ހިމެނެއެވެ.