ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް، ބަޖެޓެއް ސަޕްލިމެންޓުކުރަން ނުޖެހި ނިންމައިލެވުނީ މިދިޔަ އަހަރު ކަމަށް، ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިދިޔަ އަހަރުގެ ބަޖެޓު ނަތީޖާގެ ބަޔާން އާންމުކޮށް ފިނޭންސް މިނިސްޓްރީން ބުނީ، ބަޖެޓު ތަންފީޒުކުރުމަށް ޓަކައި ގެންގުޅުނު ސިޔާސަތުތަކުގެ ތެރެއިން އަޅައިފައިވާ ކޮންޓްރޯލްތަކާއި ގިނަ މަޝްރޫއުތައް ހިންގާ މޮޑެލް ބަދަލުވުމާ ގުޅިގެން، ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިނގި ޚަރަދުތައް ކުޑަކުރެވުނު ކަމަށެވެ.

އެހެންކަމުން، ހިންގުމުގެ ޚަރަދާއި ރިކަރަންޓް ޚަރަދު ހިމެނޭހެން ބަޖެޓުގައި އަންދާޒާކޮށްފައިވާ ޚަރަދު ކުޑަކުރެވުނު ކަމަށް، މިނިސްޓްރީން އާންމުކުރި ބަޔާނުގައިވެއެވެ.

"މީގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި ހަތަރު އަހަރާ ޚިލާފަށް، 2025ވަނަ އަހަރު ބަޖެޓު ސަޕްލިމެންޓުކުރަން ނުޖެހި ބަޖެޓުގެ ތެރެއިން ޚަރަދުތައް ވަނީ ހަމަޖެއްސިފައެވެ،" އެ ބަޔާނުގައިވެއެވެ.

ބަޖެޓު ނަތީޖާ ބަޔާނުގައިވާ ގޮތުން، މިދިޔަ އަހަރު ނިމުނުއިރު، ސަރުކާރު މުވައްޒަފުންނަށް ހިނގި ޚަރަދު ވަނީ ދަށްވެފައެވެ. ސަބަބެއް ކަމަށް އެ ބަޔާނުގައިވަނީ، މުސާރަ އެއްހަމަނުކުރެވި ތިބި މުވައްޒަފުންގެ މުސާރަ އެ އަހަރުގެ މެދުތެރޭ އެއްހަމަކުރަން އަންދާޒާކުރި ނަމަވެސް، އެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް މިދިޔަ ނޮވެންބަރު މަހުން ފެށިގެން ބަދަލު އައިސްފައިވާތީއެވެ.

މީގެ އިތުރުން، ލޯނުގެ ޚިދުމަތުގެ ޚަރަދު ވަނީ ބަޖެޓުކުރި މިންވަރަށްވުރެ ދަށްވެފައި ކަމަށާއި، ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަޝްރޫއުތައް ހިންގުމުން، ޕީއެސްއައިޕީއަށް ކުރި ޚަރަދު ދަށްވެފައިވާ ކަމަށް ވެސް، ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރު މުވައްޒަފުންނަށް ހިނގި ޚަރަދާއި ލޯނުގެ ޚިދުމަތުގެ ޚަރަދު ދަށްވެފައިވީ ނަމަވެސް، މިދިޔަ އަހަރު އައިނާއި އައިވީއެފް ހިމެނޭހެން އާސަންދަ މެދުވެރިކޮށް ކުރި ޚަރަދު ވަނީ ބަޖެޓުގައި އަންދާޒާކުރި ވަރަށް ވުރެ އިތުރުވެފައި ކަމަށް، ބަޔާނުގައިވެއެވެ. ނަމަވެސް އެ ޚަރަދުތައް މިހާރު ކޮންޓްރޯލްކުރެވިފައިވާ ކަމަށް، ބަޔާނުގައިވެއެވެ.

އާސަންދައަށް ކުރި ޚަރަދުގެ އިތުރުން، ބަޔާނުގައިވާ ގޮތުން، އިންވެސްޓްމަންޓުގެ ބޭނުމަށްޓަކައި ސަރުކާރުން މިދިޔަ އަހަރު ކުރި ޚަރަދާއި ދަރިވަރުންގެ ލޯނަށް ކުރި ޚަރަދު ބަޖެޓުކުރި މިންވަރަށްވުރެ ވަނީ އިތުރުވެފައެވެ.

މިނިސްޓްރީގެ ބަޔާނުގައި އާންމުކުރި ތަފާސްހިސާބުތައް:

  • ޖުމުލަ ބަޖެޓަކީ 56.65 ބިލިއަން ރުފިޔާ، ޚަރަދުކުރީ 56.43 ބިލިއަން ރުފިޔާ
  • މުވައްޒަފުންގެ މުސާރައަށް ކަނޑައެޅީ 13.95 ބިލިއަން ރުފިޔާ، ޚަރަދުކުރީ 12.53 ބިލިއަން ރުފިޔާ
  • އާސަންދައަށް ކަނޑައެޅީ 1.85 ބިލިއަން ރުފިޔާ، ޚަރަދުކުރީ 2.58 ބިލިއަން ރުފިޔާ
  • ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅީ 3.87 ބިލިއަން ރުފިޔާ، ޚަރަދުކުރީ 5.31 ބިލިއަން ރުފިޔާ
  • ލޯނު ދޫކުރުމަށް ކަނޑައެޅީ 3.22 ބިލިއަން ރުފިޔާ، ޚަރަދުކުރީ 4.68 ބިލިއަން ރުފިޔާ