ވެސްޓްޕާކް ރެސްޓޯރަންޓް ކައިރިން މ. ފެއަރީ ކޯނާ އަލީ ޝިފާން މަރާލި މައްސަލައިގައި ދައުވާ ލިބޭ ހަ މީހުން ވެސް ދައުވާއަށް އިންކާރުކޮށްފި އެވެ.

ޝިފާން މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ ހަ މީހުންނަކީ މ. ދިންމަނަ އަބްދުﷲ ތިލްމީޒާއި ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފާއި މާލޭ ދަފްތަރު 3912 މުހައްމަދު ޝައިފަން އާއި މ. ނަލަހިޔާ މަންޒިލް އަލީ ނަބީހާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއް ރަހުމާންގެ އިތުރުން މ. ސިލްވާނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އެ މީހުންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އިއްވުމުން ދައުވާއަށް އިންކާރު ކުރަމުން އެ މީހުންގެ ތެރެއިން ބައެއް މީހުން ބުނީ އެއީ އެ މީހުން ދެނެހުރި ކަމެއް ނޫންކަމަށެވެ. އަދި ދެން ތިބި މީހުން ބުނީ ދައުވާގައި ބުނާ އެއްވެސް ކަމެއް އެމީހުން ކޮށްފައި ނުވާނެ ކަމަށެވެ.

އެ އެންމެންގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:45 އެހާކަންހާއިރު އަލީ ޝިފާން ވެސްޓްޕާކް ރެސްޓޯރަންޓް ކައިރީ ހުއްޓާ އެ މީހުން ސައިކަލްތަކެއްގައި އެތަނަށް ގޮސްފައިވާ ކަމަށެވެ.

ވަކީލާ ވިދާޅުވީ ސައިކަލްތަކުގައި އެތަނަށް ގޮސް އެ މީހުންގެ ތެރެއިން ތިލްމީޒާއި އާސިފާއި ޝައިފަން އާއި މިޝާން އަބްދުލް ހާދީ އަލީ ޝިފާންގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ބޮޑެތި ޒަޚަމްތަކެއް ކޮށް އޭނާއާ މެދު މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި ރައްޒާނާއި އާސިފް ހަމަލާދީ ނިމުމުން އެ ދެ މީހުން ގޮވައިގެން ތިލްމީޒާއި ނަބީހު ސައިކަލްތަކުގައި ދިޔަކަމަށް ވެސް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އެ މީހުން ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ހަމަ އެދުވަހު އަލީ ޝިފާން މަރުވެފައިވާކަމަށް ވެސް ދައުލަތުގެ ދައުވާގައި ވެއެވެ.

އެ މީހުން ދައުވާ އަށް އިންކާރުކޮށްފައި ވަތީ ދައުވާ ސާބިތު ކުރުމަށް ހެކި ހުށަހެޅުމަށްފަހު ދައުލަތުން މިއަދު ވަނީ ހެކި ސިއްރު ކުރުމަށް ޝަރީއަތުގައި އެދިފައެވެ.

ހެކިހުށަހެޅުމަށްފަހު ގަރީނާގެ ގޮތުގައި ކްރައިމް ސީން ރިޕޯޓާއި މެޑިކޯލީގޯ ރިޕޯޓާއި މަރު ސާބިތުކުރި ފޯމާއި އަދި ޑީއެންއޭ ވެސް ވަނީ ހުށަހަޅާފައެވެ. އަދި އެ މީހުންގެ ތެރެއިން ބައެއް މީހުންގެ ޑީއެންއޭ އާއި އަލީ ޝިފަންގެ ޑީއެންއޭ ދިމާވާކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އެ މީހުންގެ ތެރެއިން ވަކީލަކު އައްޔަން ކޮށްފައި ވަނީ ހަމައެކަނި ނަބީހު އެވެ. އޭނާގެ ވަކީލު ވިދާޅުވީ ދައުވާއާ ބެހޭގޮތުން ވާހަކަދެއްކޭނީ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ލިބުމުން ކަމަށެވެ.

ނަބީހު ފިޔަވައި އެހެން މީހުން ވަކީލަކު އައްޔަން ކޮށްފައި ނުވަތީ ވަކީލަކު އައްޔަން ކުރުމަށް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށްފަހު ގާޒީ ވިދާޅުވީ އަންނަ މަހުގެ ކުރީކޮޅު އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށާއި އެދުވަހު ދިފާއުގައި ހެކި ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ދުވަހު ހެކި ހުށަނާޅައިފިނަމަ އެކަމަށް އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ އެ މައްސަލައިގައި ދެން ބާއްވާނީ ތިން ޝަރީއަތުގެ މަޖިލީސް ކަމަށާއި ނޮވެމްބަރު 25 ގައި ބާއްވާ ޝަރީއަތުގެ މަޖިލީހުގައި އެ މީހުންގެ މައްޗަށް ހުކުމް އިއްވާނެ ކަމަށެވެ.

އެ މައްސަލައިގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވާ ގޮތް ހާމަކުރައްވަމުން ގާޒީ ވިދާޅުވީ ހެކިބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީސް އަންނަ މަހުގެ ފަހުކޮޅު ބާއްވާނެ ކަމަށާއި އެ ދުވަހު ހުރިހާ ފަރާތަކުން ހުށަހަޅާ ހެކީންގެ ހެކިބަސް ނަގާނެ ކަމަށެވެ.