ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ނައިބު ރައީސް ހޮވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން، އިދިކޮޅު އެމްޑީޕީގެ ފަރާތުން އެ މަގާމަށް ވާދަކުރެއްވި ވައިކަރަދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު (ފިއްޓޭ)އަށް ވޯޓުދިން ކަމާ މެދު ސުވާލު އުފެދިފައިވާއިރު ޕީއެންސީން ހަނު ތިބެއްޖެއެވެ.

އައު ނައިބު ރައީސް ހޮވުމަށް އިއްޔެ ނެގި ވޯޓުގައި ވާދަކުރެއްވީ ޒިޔާދުގެ އިތުރުން، ޕީއެންސީގެ ފަރާތުން އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

ޖުމްލަ 74 މެންބަރުން ބައިވެރިވި ވޯޓު ނެގުމުގައި، ސަލީމް ކާމިޔާބުކުރެއްވީ 62 މެންބަރުންގެ ވޯޓާ އެކުއެވެ. ޒިޔާދަށް ދިހަ މެންބަރަކު ވޯޓު ދެއްވިއިރު، ބާތިލު ދެ ވޯޓެއްވެސް ހިމެނެއެވެ.

އިއްޔެގެ ޖަލްސާއަށް، 12 މެންބަރުން ތިއްބަވާ އެމްޑީޕީގެ ފަރާތުން ވަޑައިގެންނެވީ އަށް މެންބަރުންނެވެ. ޕީއެންސީގެ މެންބަރުންނާއި އަމިއްލަ ދެ މެންބަރުން ވެސް ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވިއިރު، ޖުމްހޫރީ ޕާޓީއާއި އެމްއެންޕީއާއި އެމްޑީއޭ ތަމްސީލުކުރައްވާ މެންބަރުން ވަޑައިނުގަތެވެ.

އެހެންކަމުން، އެމްޑީޕީ ނޫން އިތުރު ދެ މެންބަރަކު ވަނީ ޒިޔާދަށް ވޯޓު ދެއްވައިފައެވެ. އަދި ބާތިލު ދެ ވޯޓު ވެސް އޮތުމުން އެކަމާ ބައެއް މެންބަރުން ސުވާލު އުފައްދައިފައިވެއެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙަށް ގުޅައި މެސެޖުކުރުމުން ފޯނަށް ޖަވާބުދެއްވައިފައި ނުވެއެވެ. މީގެ އިތުރުން، ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވެސް ފޯނަށް ޖަވާބުދެއްވައިފައި ނުވެއެވެ.

'ސަން' އާ ވާހަކަދެއްކެވި ބައެއް މެންބަރުން ވެސް ވަނީ ޕީއެންސީގެ ބައެއް މެންބަރުން، އެ ޕާޓީގެ ނިންމުމާ ކަނޑައެޅިގެން ޚިލާފުވެފައިވާކަން ކަށަވަރުވާ ކަމަށް ވިދާޅުވެފައެވެ. އެއީ އެމްޑީޕީ އަދި ޕީއެންސީ ފިޔަވާ ދެން އިތުރަށް އެ ވޯޓުގައި ބައިވެރިވެވަޑައިގަތީ އަމިއްލަ ދެ މެންބަރުން ކަމަށް ވާތީއެވެ.

ނައިބު ރައީސް ހޮވުމަށް ނެގި ވޯޓަކީ ސިއްރު ވޯޓެއް ކަމުން ސީދާ ޕީއެންސީގެ ނިންމުމާ ޚިލާފުވީ ކޮން މެންބަރުންނެއް ކަމެއް ނޭނގެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އާދީއްތަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ނާޒިމް އިސްތިއުފާދެއްވީ، ނާޒިމްގެ މައްޗަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ސޮއިކޮށް، އިތުބާރު ނެތް ކަމަށް ހުށަހަޅައި، އޭނާ ވަކިކުރަން އާދީއްތަ ދުވަހަށް ތާވަލުވެސް ކޮށްފައި ވަނިކޮށެވެ.