18 Sep 2012, 15:01
ހުޅުމާލެގައި އަޅާ 1000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ މަސައްކަތް ތުރުކީގެ ކުންފުންޏެއް ކަމަށްވާ "ބޯރާ" އާ މިއަދު ހަވާލުކޮށްފި އެވެ.
ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ހަވާލު ކުރުމަށް ޓްރޭޑާސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިޔާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން އެއްބަސްވުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ ސުހައިލް އަހްމަދު އެވެ. އަދި ބޯރާ ކުންފުނިން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްފާ އީ ސޫރީ އެވެ.
މެންދުރު ފަހު ބޭއްވި ރަސްމިޔާތުގައި އެޗްޑީސީން ބުނީ އަލަށް އަޅާ ފްލެޓްތަކަކީ މިހާރު ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކަށްވުރެ ރަނގަޅު ފެންވަރެއްގައި ހަދާ ފްލެޓްތަކެއް ކަމަށެވެ. ދެ އަހަރު ދުވަސް ތެރޭގައި އެ ޕްރޮޖެކްޓް ނިންމަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
މި ރަސްމިޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަލަށް ހުޅުމާލޭގައި އަޅާ ފްލެޓްތަކަކީ މިހާރު ގާއިމުކޮށްފައިވާ ފްލެޓްތަކަށްވުރެ އެތައް ގޮތަކުން ފެންވަރު ރަނގަޅު ފެލްޓްތަކެއް ނަމަވެސް އެ ފްލެޓްތައް އާންމުނަށް ވެސް ގަނެވޭނެ އަގެއްގައި ވިއްކަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ބޯހިޔާވަހިކަން ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އިތުރު ހައުސިން ޕްރޮޖެކްޓްތަކެއްގެ މަސައްކަތް އެކި ސަރަހައްދުތަކުގައި ވަރަށް އަވަހަށް ފަށަން ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަހުމަދު ވިދާޅުވީ އަލަށް އެޅުމަށް ހަމަޖެހިފާ ފްލެޓްތަކުގެ އަދަދު 1100 ފްލެޓަށް ވުރެ މަދު ނުވާނެ ކަމަށާއި ހުންނާނީ ހަތަރު ބުރި އާއި ހަތް ބުރީގެ ޕްލެޓްތަކެއް ކަމަށެވެ.
މިއަދުގެ ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.