ސިވިލްސާވަންޓުންގެ ތެރެއިން އެކި ހާދިސާތަކުގައި މަރުވާ މުވައްޒަފުންގެ އާއިލާތަކަށް އިނާޔަތް ދޭން ނިންމައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ ސިވިލް ސާވަންޓުން ގައުމީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނިކޮށް ދިމާވާ ހާދިސާއެއްގެ ތެރޭގައި މަރުވާ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް އެ މީހެއްގެ އާއިލާއަށް އިނާޔަތް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ހަމަޖެއްސީ އެކޮމިޝަންގެ ގަވާއިދުގެ 68 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކާ ގުޅިގެން ކަމަށާއި އެ އިސްލާހު މިދިޔަ މަހުގެ 27 ގައި ގެޒެޓްކޮށްފައިވާ ކަމަށް ވެސް ސީއެސްސީން ބުންޏެވެ.

ސީއެސްސީގެ ގަވާއިދަށް ގެނެސްފައިވާ އެ އިސްލާހާ ގުޅިގެން އެފަދަ ހާލަތެއް މެދުވެރިވާ މުވައްޒަފެއްގެ އާއިލާއަށް ލިބިދޭ އިނާޔަތްތަކުގެ ތެރޭގައި މުވައްޒަފުގެ މުސާރައިގެ 60 ޕަސެންޓާއި އެ މުވައްޒަފު ސިވިލް ސާވިސްގެ ވަޒީފާގައި ހިދުމަތްކުރި މުއްދަތު ގުނަކުރަންޖެހޭ އަދަދު ގަނޑުކޮށް އެއްފަހަރާ ދެވޭ އިނާޔަތެއްގެ ގޮތުގައި ދޭނެ އެވެ. އަދި އެމުވައްޒަފަށް ކަނޑައަޅާފައިވާ މުސާރައިގެ 140 ޕަސެންޓަށްވާ ފައިސާ ކޮންމެ މަހަކު ހާއްސަ އެލަވަންސެއްގެ ގޮތުގައި ދޭނެ އެވެ.

މީގެ އިތުރުން މަރުވި މުވައްޒަފުގެ އާއިލާއިން އެދިއްޖެ ނަމަ އެ މުވައްޒަފުގެ 18 އަހަރު ނުފުރޭ ދަރިންނަށް ރާއްޖޭގައި ތައުލީމު ހާސިލު ކުރުމުގެ ހަރަދާއި މުވައްޒަފުގެ ހުވަފަތް އަނބިމީހާ ނުވަތަ ފިރިމީހާ އޭނާގެ 18 އަހަރު ނުފުރޭ ދަރިން ބަލަން ޖެހިފައިވާ މައިންބަފައިންނަށް ސަރުކާރުން ހަމަޖައްސާފައިވާ ސިއްހީ ފަރުވާދޭ ނިޒާމެއްގެ ދަށުން ބޭސްފަރުވާގެ ހިދުމަތް ލިބިދެވޭނެ އެވެ.

ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން ލިބިދޭ އިނާޔަތްތަކުގެ ތަފުސީލް ސީއެސްސީގެ ވެބްސައިޓާއި ގެޒެޓްގައި ވެސް ވަނީ ހިމަނާފަ އެވެ.