މައިކްރޯސޮފްޓްގެ "ސާފޭސް ލެޕްޓޮޕް އަލްޓްރާ" ދައްކާލައިފި
މައިކްރޯސޮފްޓްގެ "ސާފޭސް ލެޕްޓޮޕް އަލްޓްރާ" ދައްކާލައިފި

މައިކްރޯސޮފްޓް ކުންފުނިން މިހާތަނަށް އުފެއްދި އެންމެ ބާރުގަދަ އަދި އެންމެ ފެންވަރުމަތީ ސާފޭސް ލެޕްޓޮޕް، "ސާފޭސް ލެޕްޓޮޕް އަލްޓްރާ" ރަސްމީކޮށް ދައްކާލައިފިއެވެ.

އެންވީޑިއާ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ މި ލެޕްޓޮޕަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރިސާޗަރުންނާއި، ތްރީޑީ ރެންޑަރިން ހަދާ ފަރާތްތަކާއި، ސޮފްޓްވެއާ ޑިވެލޮޕަރުންގެ އިތުރުން ބޮޑެތި މަސައްކަތްތައް ކުރާ ޕްރޮފެޝަނަލުންނަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ އުފެއްދުމެކެވެ.

މައިކްރޯސޮފްޓުން ހާމަކުރި ގޮތުގައި މި އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ މި ލެޕްޓޮޕް ލިބެން ހުންނާނީ ޕްލެޓިނަމް އަދި ނައިޓްފޯލް ކުލައިގައެވެ.

މި ލެޕްޓޮޕްގެ އެންމެ ޚާއްޞަ އެއް ސިފައަކީ އެންވީޑިއާގެ އެންމެ ފަހުގެ "ބްލެކްވެލް އާރްޓީއެކްސް" ގްރެފިކްސް އާކިޓެކްޗާ ބޭނުންކޮށްފައިވުމެވެ. މިއީ ސާފޭސް ލެޕްޓޮޕެއްގައި ފުރިހަމަ ކޫޑާ ސަޕޯޓް ހިމެނި ފުރަތަމަ ފަހަރެވެ. މި ސަޕޯޓާއެކު ލެޕްޓޮޕަށް 1 ޕެޓަފްލޮޕް ގެ އޭއައި ކޮމްޕިއުޓް ޕާފޯމަންސް ލިބިގެންދާނެއެވެ.

މި ލެޕްޓޮޕް ލިބެން ހުންނާނީ ޕްލެޓިނަމް އަދި ނައިޓްފޯލް ކުލައިގައި ---

މީގެ އިތުރުން، މި ލެޕްޓޮޕްގައި އެންވީޑިއާގެ އާ "އާރްޓީއެކްސް ސްޕާކް" ސުޕަޗިޕް ހިމެނެއެވެ. މިއީ 20 ކޯގެ އެންވީޑިއާ ގްރޭސް ސީޕީޔޫއަކާއި، 6،144 ކޫޑާ ކޯސް އަދި ފަސްވަނަ ޖީލުގެ ޓެންސާ ކޯސް އެކުލެވިގެންވާ ވަރުގަދަ ޗިޕެކެވެ.

ޓެކްނިކަލް ގޮތުން ބަލާއިރު، ސާފޭސް ލެޕްޓޮޕް އަލްޓްރާ 128 ޖީބީއާ ހަމައަށް ޔުނިފައިޑް މެމޮރީއަށް ކޮންފިގާ ކުރެވޭނެއެވެ. މި މެމަރީގެ އެހީގައި ކުރާ މަސައްކަތެއްގެ ކުޑަބޮޑުމިނަށް ބަލައި ސީޕީޔޫއާއި ޖީޕީޔޫގެ މެދުގައި ސިސްޓަމް ރިސޯސްތައް އަމިއްލައަށް ބަހާލައިގެން މަސައްކަތް ކުރާނެއެވެ. އަދި ބޮޑެތި މަސައްކަތްތައް ކުރާއިރު ލެޕްޓޮޕް ހޫނުވިޔަނުދީ ހިފެހެއްޓުމަށްޓަކައި، މީގެ ކުރިން ނެރުނު 15 އިންޗީގެ ސާފޭސް ލެޕްޓޮޕް 7 އަށްވުރެ 2.5 ގުނަ އިތުރަށް ހޫނު ބޭރުކޮށްދޭ ތާމަލް ސިސްޓަމެއް މި ލެޕްޓޮޕްގައި ވަނީ ހިމަނާފައެވެ.

މި ލެޕްޓޮޕްގައި ހިމަނާފައިވަނީ 15 އިންޗީގެ މިނީ-އެލްއީޑީ ޕިކްސެލްސެންސް އަލްޓްރާ ޓަޗްސްކްރީން ޑިސްޕްލޭއެކެވެ. މިއީ 2،000 ނިޓްސްގެ ބްރައިޓްނެސްއާއެކު މައިކްރޯސޮފްޓުން މިހާތަނަށް ޝިޕްކުރި އެންމެ އަލިގަދަ ޑިސްޕްލޭއެވެ.

މި ސްކްރީނުގެ ސަބަބުން ކުލަތައް ސައްހަކޮށް އަދި ސާފުކޮށް ފެންނާނެތީ، މިއީ ކްރިއޭޓިވް މަސައްކަތްތައް ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން މިއީ މައިކްރޯސޮފްޓުން މިހާތަނަށް ހިމެނި އެންމެ ބޮޑު ހެޕްޓިކް ޓަޗްޕޭޑް އެކުލެވޭ ލެޕްޓޮޕްވެސް މެއެވެ.

ކަނެކްޓިވިޓީ ނުވަތަ ގުޅާލުމުގެ ބަޔަށް ބަލާއިރު، މީގެ ތެރޭގައި އެޗްޑީއެމްއައި ޕޯޓެއް، ޔޫއެސްބީ ޓައިޕް-ސީ އަދި ޓައިޕް-އޭ ޕޯޓުތައް، އެސްޑީ ކާޑް ސްލޮޓެއް އަދި ހެޑްފޯން ޖެކެއް ހިމެނެއެވެ.

ސެކިއުރިޓީގެ ގޮތުން ވިންޑޯޒް ހެލޯ ފޭޝަލް ރިކޮގްނިޝަން ސަޕޯޓްކުރާ އިރު، މި ލެޕްޓޮޕަކީ އަމިއްލައަށް މަރާމާތުކުރަން ފަސޭހަވާނެ ގޮތަށް އެތެރޭގެ ބައިތައް ފަރުމާކޮށް، ބަދަލުކުރާނެ ސްޕެއާޕާޓްސްތައްވެސް ގަންނަން ލިބޭނެ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

މި ލެޕްޓޮޕްގެ އަގާއި އެކި ޤައުމުތަކަށް ނެރޭނެ ތާރީޚުތައް މައިކްރޯސޮފްޓުން އަދި ހާމައެއް ނުކުރެއެވެ.