ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މިއަދު ފެށުމަށްފަހު ހަފުތާއަކަށް ޖަލްސާތައް މެދުކަނޑާލައިފިއެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމެވެ. މި ޖަލްސާގައި އެ މަގާމަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ސަލީމް ވަނީ އިންތިޚާބުކޮށްފައެވެ.

އެއަށްފަހު ޖަލްސާ ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މި ދައުރުގެ ޖަލްސާތައް މިއަދު ފަށައި، އޮގަސްޓު މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ގަވައިދުގައި އޮންނަ ގޮތުން، ފުރަތަމަ ދައުރުގެ ޖަލްސާތައް އޮންނާނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނިމިދިޔަ މެއި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމަށްޓަކައި މިދިޔަ މަހުގެ ނިޔަލަށް މިއަހަރުގެ ފުރަތަމަ ދައުރު ވަނީ ދަންމާލައިފައެވެ.

އެކަމަކު އިއްޔެގެ ޖަލްސާ ފެށެން ބައި ގަޑިއިރަށް ވެފައި ވަނިކޮށް، ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ދައުރުގައި ވެސް މަޖިލީހުގެ ޖަލްސާތައް ގަވައިދުން ބާއްވައިފައެއް ނުވެއެވެ. އަދި ކޮމިޓީ ބައްދަލުވުންތައް ވެސް ގަވައިދުން ބާއްވާފައެއް ނުވެއެވެ.

ސަރުކާރުގެ އަޣުލަބިއްޔަތުން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި، މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު، އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތް ނުކުރާކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.