01 Jun 2026, 16:20
ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް އަޖީލަށް މަނީލޯންޑަރިންގެ ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފިއެވެ.
އޭސީސީން ބުނީ، އެ ދައުވާ ކޮށްދިނުމަށް މިއަދު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މިގޮތުން، ބައްސާމަށް ދައުވާ ކޮށްދިނުމަށް ފޮނުވީ، މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މައްދާގެ (ހ) ގެ ދަށުން ކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ބައްސާމް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.
މިގޮތުން، އެ ފައިސާ އެސްއޯއެފްގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، އެސްއޯއެފުން ބައްސާމްގެ ބޭންކް އެކައުންޓަށް 29,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާކަން އެ ކޮމިޝަނުން ފާހަގަކުރިއެވެ.
އެ ފައިސާ ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަވި ކަމަށް އޭސީސީން ބުނެއެވެ. އަދި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގައި ބައިވެރިވެ، އެ ކަމުގެ އެއްބަސްވުންތަކުގައި ކުންފުނީގެ ފަރާތުން ބައްސާމް ސޮއިކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
ބައްސާމަށް މަނީލޯންޑަރިންގެ ދައުވާ ކުރަން ފޮނުވިއިރު، އޭނާ މިހާރު ވެސް ވަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ، އެފްއޭއެމަށް ފީފާއިން ފޮނުވި ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރުމުގެ ކުށުގައި ބައްސާމަށް ކުރި ހަތަރު ދައުވާއެއް ސާބިތުވެގެންނެވެ.
އެ މައްސަލައިގައި އަމިން އެވެނިއުއިން ބައްސާމް ގަނެފައިވާ ދެ އެޕާޓުމަންޓެއް ވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.