18 Sep 2012, 14:33
މަޓާޓޯ އިން އިންތިޒާމްކޮށްގެން މި މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ "ޖީއެމްއާރު މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2012" ގެ ލީޑިންގް އިންޓަނޭޝަނަލް އެއާލައިނަކަށް އެމިރޭޓްސް ހޮވިއްޖެ އެވެ.
އިވެންޓް އޮގަނައިޒްކުރާ ހައި ރައިޒުން ބުނީ އެމިރޭޓްސް އިން އެ އެވޯޑް ހޯދާފައި އެޑެލްވެއިސް އެއާ އާއި އެއާ އިންޑިއާގެ އިތުރުން ސްރީ ލަންކަން އެއާލައިން ނާއި ތޮމްސަން އެއާވޭސް އަދި ނިއޯސް އެސްޕީއޭ އާއި ވާދަކޮށްގެން އެ ކެޓަގަރީ 1086 ވޯޓް ގެ ތެރެއިން 45 ޕަސެންޓް ހާސިލުކޮށްގެން ކަމަށެވެ.
ލީޑިންގް އިންޓަނޭޝަނަލް އެއާލައިން ހޮވުމަށް ވޯޓުދިން ފަރާތްތަކުގެ މެދުގައި ގުރެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އިއްތިހާދު އެއާވޭސް ނުވަތަ އެއާ ޕްލަސް އިން ރާއްޖެ އަށް ދެކޮޅު ޓިކެޓްގެ އިތުރުން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ހަތް ރޭ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދި އެ އެވޯޑަށް ވޯޓް ދިނުމުގެ މުއްދަތު ހަމަވެފައިވާއިރު އެކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ހައިރައިޒުން ބުންޏެވެ.
އެ އެވޯޑަށް ވަނީ އެކި ދާއިރާތަކުން 65 ފަރާތެއްގެ ނަން އެއެވޯޑަށް ވަނީ ނޮމިނޭޓް ކޮށްފަ އެވެ. ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުން ފާހަގަ ކުރަން ދިވެހި ޓްރެވެލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށްދޭ "މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2012" ސުޕޮންސާކޮށްފައި ވަނީ ޖީއެމްއާރުންނެވެ. އެއެވޯޑް ދިނުމަށް ހަމަޖައްސާފައި މިމަހު ފަހުކޮޅުގަ އެވެ.