އުުމުުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އެކައުންޓުން ހެދުން މެލޭޝިއާއިން މިއަދުން ފެށިގެން މަނާކޮށްފިއެވެ.

މިއަދުން ފެށިގެން އަމަލުކުރަން ފެށި އެ ގަވާއިދުގެ ދަށުން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބައިވެރިވާ މީހުންގެ އުމުރު ކަށަވަރުކުރުމާއި، 16 އަހަރުން ދަށުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އެކައުންޓު ހުޅުވުން ހުރަސް އަޅާނެއެވެ. އޭގެތެރޭގައި ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ، ގާތްގަަޑަކަށް އަށް މިލިއަން ޔޫޒަރުން ތިބި ބޮޑެތި ޕްލެޓްފޯމްތައް ހިމެނެއެވެ.

އެގޮތަށް އަމަލު ނުކުރާ ކުންފުނިތަކަށް 10 މިލިއަން ރިންގިޓް (2.5 މިލިއަން ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

މެލޭޝިއާ ސަރުކާރުން ބުނީ މި ފިޔަވަޅުތަކުގެ މަގުސަދަކީ ކުޑަކުދިންނަށް ގެއްލުން ހުރި ކޮންޓެންޓާއި ސައިބާ ބުލީން ރައްކާތެރި ކުރުން ކަމަށެވެ.

މެލޭޝިޔާގެ ކޮމިއުނިކޭޝަން އެންޑް މަލްޓިމީޑިއާ ކޮމިޝަން، އެމްސީއެމްސީން ބުނީ މި ގަވާއިދުގެ ބޭނުމަކީ ކުޑަކުދިންނަށް އިންޓަނެޓް ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުން ނުކުރެވޭ ގޮތް ހެދުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގަވާއިދުގެ ދަށުން އޮންލައިންކޮށް ލިބޭ ގެއްލުންތައް ހައްލުކޮށް، އުމުރާ ގުޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމްކޮށްފައިވާކަން ކަށަވަރުކުރުމަށް ހިދުމަތްދޭ ފަރާތްތަކުގެ ފަރާތުން އުންމީދު ކުރާކަމަށެވެ.

މެލޭޝިއާގެ އެ ނިންމުމާ ދެކޮޅު ހަދައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ސޯޝަލް މީޑިއާ އެގޮތަށް މަނާކުރުން އަނބުރާ ގެންދިއުމަށް ގޮވާލާފައެެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ޖަމާއަތެއް ކަމަށްވާ "އާޓިކަލް 19" އާއި އެހެނިހެން ޖަމާއަތްތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުދިން ޑިޖިޓަލް ދުނިޔެއިން މަހުރޫމްކޮށްގެން ނުވާނެ ކަމަށާއި، އެކުދިންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ރައްކާތެރި މާހައުލެއް ބިނާކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި މިގޮތަށް އެއްކޮށް މަނާ ކުރުމަކީ ސޯޝަލް މީޑިއާ ކުންފުނިތަކުގެ ވިޔަފާރީގެ އޮނިގަނޑުގައި ހުރި އަސްލު މައްސަލަތަކަށް އޮތް ހައްލެއް ނޫންކަމަށް ވެސް އެ ޖަމާއަތްތަކުން ބުނެއެވެ.

މެލޭޝިއާގެ އިތުރުން ތުރުކީ، އޮސްޓްރޭލިއާ، ބްރެޒިލް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުންވެސް ވަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުން ކުރުމަށް އުމުރަށް ބަލައިގެން ހުރަސްތަކެއް އިއުލާންކޮށްފައެވެ. އިނގިރޭސިވިލާތް، ފްރާންސް، ސްޕެއިން، ޑެންމާކް، ތައިލެންޑް އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުން ވެސް ދަނީ މިފަދަ އުސޫލުތައް ދިރާސާ ކުރަމުންނެވެ.

ކުޑަކުދިންގެ ނަފްސާނީ ސިއްޙައްތަށް ކުރާ އަސަރު

މެލޭޝިއާގައި މި ފިޔަވަޅުތައް އަޅާފައި ވަނީ ކުޑަކުދިންގެ ނަފްސާނީ ސިއްހަތާއި ސަލާމަތަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރާ އަސަރުތަކާ ގުޅޭ ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުތަކަށް ޕްރެޝަރު ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

މާޗް މަހު އެމެރިކާގެ ޖޫރީން ވަނީ ޕްލެޓްފޯމް ޑިޒައިންގެ ފީޗާތަކުގެ ސަބަބުން ޒުވާން ޔޫޒަރުންނަށް ގެއްލުން ލިބުމަށް މަގުފަހިވާ ކަމަށް ބުނެ މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ދައްކަން މެޓާ އާއި ޔޫޓިއުބް އަށް އަމުރުކޮށްފައެވެ.

މިއަހަރުގެ ކުރީކޮޅު ތުރުކީންވެސް ވަނީ ކުޑަކުދިންނާއި ޒުވާނުންގެ ރައްކާތެރިކުރުމުގެ މަގުސަދުގައި އާ ސޯޝަލް މީޑިއާ ގަވާއިދުތަކެއް ތައާރަފްކޮށްފައެވެ.