ސަރުކާރުން ހިންގާ ކުޅިވަރު އިމާރާތްތަކާއި ދަނޑުތަކުގައި ނަމާދު ވަގުތަށް ކުޅިވަރުތައް މެދުކަނޑާލަން ޖެހޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިއަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލުގެ މަގްސަދަކީ ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރު ކުޅެން ތިބޭއިރު ނަމާދު ވަގުތު ގެއްލުނަނުދީ، ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.

އެގޮތުން ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް، އެއީ 20 މިނެޓަށް ވިޔަސް، ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލަން ޖެހޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެންނަން ވަނީ ނިންމާފަ އެވެ.

ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލުމުގެ އިތުރުން، އެ ވަގުތު އެ ސަރަހައްދެއްގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުޅިވަރު ކުޅެން ތިއްބައި ނަމާދު ވަގުތު ޖެހިއްޖެ ނަމަ، ކުޅިވަރު މެދުކަނޑާލުމަށް ފަހު އެތަނެއްގެ ތެރޭގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަމާ މެދު މަޝްވަރާތަކެއް ކުރެވި ތަންފީޒުކުރުމާ ހަމައަށް އާދެވިފައިވަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު އާންމުކޮށް ފެންނަނީ ނަމާދު ވަގުތު ނިމިގެންދާއިރު ވެސް ކުޅިވަރުގެ މައިދާނުގައި މީހުން ތިބޭ މަންޒަރެވެ. އަދި ކުޅިވަރު އެކުވެނި އާއި މާފަންނު ސްޓޭޑިއަމް ފަދަ ތަންތަނުގައި މިހާރު ނަމާދު ކުރެވޭނެ އެކަށީގެންވާ އިންތިޒާމުތަކެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މިކަންކަން ތަންފީޒުކުރަން ފަށާނެ ކަމަށާއި، މީގެ ފަހުން ސަރުކާރުން އަޅާ ކުޅިވަރު އިމާރާތްތަކުގައި ވެސް ނަމާދު ކުރެވޭނެ އިންތިޒާމުތައް ހިމަނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއީ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ދީނީ އަދި އިޖުތިމާއީ ގޮތުން ފައިދާހުރި ބަދަލަކަށް ވާނެ ކަމަށް ސަރުކާރުން ދެކެ އެވެ.