އާންމު ދިރިއުޅުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތައް ބޭނުން ކުރުމުގައި ކުރެވިދާނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް ކަނޑަޅާފައިވާ ގަވާއިދު ތިން ވަނަ ފަހަރަށް މަޖިލީހުން އިސްލާހުކޮށްފި އެވެ.

ދެހާސް ހަވަ އަހަރު ވުޖޫދަށް ގެނައި ހުޅުމާލޭ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު މަޖިލީހުން ކުރިން އިސްލާހު ކުރިއިރު، އާންމު ދިރިއުޅުމަށް ދޫކޮށްފައިވާ ގެތަކުގައި ކުރުން މަނާ ކަންތައްތަކެއް ކަނޑައަޅާފައި ވީނަމަވެސް ގެތަކުގައި ކުރުން ހުއްދަ ކަންތައްތަކެއް ކަނޑައަޅާފައެއް ނުވެ އެވެ. އެ މައްސަލައި ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަންގެ ބޭފުޅުން ވަނީ މިއަދު ކޮމެޓީއަށް ހާޒިރުކޮށް ގަވާއިދާމެދު މަޝްވަރާކޮށްފަ އެވެ.

ގަވާއިދު ކޮމެޓީއަށް ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަންގެ ބޭފުޅުން ހާޒިރުކޮށް، ކޮމެޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެ ކޯޕަރޭޝަންގެ މޭނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވީ އާންމު ދިރިއުޅުމަށް ބޭނުން ދޫކޮށްފައިވާ ގޯތިތަކުގައި މީހުންނާ އުނދަގޫވާ ގޮތައް މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސިނާއީ މަސައްކަތް ކުރުމަށްޓަކާއި ހުޅުމާލޭގެ ވަކި ސަރަހައްދެއް ކަނޑައަޅާފައިވާނެ ކަމަށާއި އެ ސަރަހައްދުތަކުގައި އެ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހުން ދިރިއުޅޭ ގޭގޭގައި މަސް ކެއްކުމާއި ބޭކަރީތައް ހިންގުމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫވަމުންދާ ކަމަށެވެ. އަދި އެފަދަ ކަންތައްތައް މަނާ ކުރެވެން އޮތީ ގަވާއިދުގެ ދަށުން ކަމަށް ސުހައިލް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދު ކޮމެޓީން މިއަދު އިސްލާހުކޮށް ފާސްކުރި ގަވާއިދުގައިވާ ގޮތުގެ މަތިން އާންމު ދިރިއުޅުމަށް ދޫކޮށްފައިވާ ގެތަކުގައި ބޮޑެތި ސިނާއީ މަޝްރޫއުތަކާއި އަލިފާން ހިފާ ޒާތުގެ ތަކެތި ގެންގުޅޭ ތަންތަން ހެދުމާއި އާންމުންނަށް އުނދަގޫވާ ވރަށް އަޑުގަދެވެ، ވަސް ނުވަތަ ކުނޑި އުފައްދާ ހަޑިވާ ފަދަ ހަރަކާތް ހިންގާ ތަންތަން ހެދުމާއި ބޮޑެތި ގުދަން ހެދުމަކީ މަނާ ކަމެކެވެ.

ނަމަވެސް އާންމު ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކޮށްފައިވާ އިމާރާތުގެ ގްރަންޑް ފްލޯގައި ކުދި ފިހާރައާއި ޖަމިއްޔާތަކުގެ އޮފީސް ފިޓްނަސް ކްލަބާއި ސައިބާ ކެފޭ އާއި ކޮންޕިއުޓަރުގެ ވިޔަފާރިއާއި ކެފޭ އަދި ރެސްޓޯރެންޓާއި އަމިއްލަ އޮފީސް ހިންގިދާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.