05 Sep 2010, 11:52
މިރޯދަ މަހު މާލޭގެ ގެ އެއްގައި ހަށި ވިއްކަން އުޅުނު ތިން ބިދޭސީއަކު ފުލުހުން އަތުލައި ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މިޑިޔާ އޮފިޝަލަކު ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފައިސާއަށް މާލޭގައި ހަށިވިއްކަމުން ދިޔަ ބިދޭސީ ތިން އަންހެނުންނަކީ ވެސް ތައިލެންޑްގެ ތިން މީހުން ކަމަށެވެ.
އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތައިލެންޑް ތިން އަންހެނުން ގުޅިގެން މާލޭގައި ވިޔަފާރި އަށް ހަށިވިއްކަމުން ދަނިކޮށް އަތުލައިގަނެ ހައްޔަރު ކުރީ ފުލުހުން ހިން އޮޕަރޭޝަނެއްގައި ކަމަށެވެ.
މި ތިން އަންހެނުންނާ ބެހޭ ތަފުސީލު މައުލޫމާތާއި އެމީހުން، ހަށިވިއްކުމުގެ ވިޔަފާރި ހިންގަމުން އައި ގޮތް ފުލުހުންގެ އޮފިޝަލު ހާމައެއް ނުކުރި އެވެ. އޭނާ ހަމަ އެކަނި ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަނިކޮށް އެންމެ ފަހުން ދެ ބިދޭސީއަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ހޭންވޭރު ގެއަކުންނެވެ. އެއީ ބަންގާޅު އަންހެނަކާއި ފިރިހެނެކެވެ.