އަބުރަށް ގެއްލުންދޭ ކޮންޓެންޓް އިންޓަނެޓުގައި ފަތުރާ ކަމަށް ބުނެ ނާގާ ކޯޓަށް
އަބުރަށް ގެއްލުންދޭ ކޮންޓެންޓް އިންޓަނެޓުގައި ފަތުރާ ކަމަށް ބުނެ ނާގާ ކޯޓަށް

ދެކުނު އިންޑިއާގެ އެކްޓަރު ނާގާ ޗައިތަންޔާގެ އަބުރަށް ގެއްލުންދޭ ފަދަ ކޮންޓެންޓްތައް އިންޓަނެޓު މެދުވެރިކޮށް ފަތުރަމުންދާ ކަމަށް ބުނެ ދިއްލީ ހައިކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އަބުރަށް ގެއްލުންދޭ ކޮންޓެންޓް އިންޓަނެޓުގައި ފަތުރާ ކަމަށް ބުނެ ނާގާ ކޯޓަށް
އަބުރަށް ގެއްލުންދޭ ކޮންޓެންޓް އިންޓަނެޓުގައި ފަތުރާ ކަމަށް ބުނެ ނާގާ ކޯޓަށް

މަޝްހޫރު ތެލުގޫ އެކްޓަރު ދިއްލީ ހައިކޯޓަށް މި މައްސަލަ ހުށަހެޅީ އެކްޓަރުގެ ވަކިވަކި ސިފަތަކާއި އަމިއްލަ ވަންތަކަން ނަހަމަ ގޮތުގައި ބަޔަކު މީހުން ބޭނުންކުރާ ކަމަށް ބުނެ "ޕާސަނަލިޓީ ރައިޓްސް" ހިމާޔަތްކޮށްދިނުމުގެ އަމުރަކަށް އެދިއެވެ.

އިންޑިއާގެ ނޫޙެއް ކަމަށްވާ އެންޑީޓީވީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ނާގާގެ ނަމާއި، ފޮޓޯ އާއި، ސިފަތައް ޑިޖިޓަލް މަންސަތަކުގައި ހުއްދަ ނެތި ބޭނުންކުރަމުންދާއިރު، އޭގެތެރޭގައި ކުރީގެ އަނބިމީހާ، ބަތަލާ ސަމަންތާ ރޫތު ޕްރަބޫއަށް ބޭވަފާތެރިވި ކަމަށް ބުނެ ތިންވަނަ ފަރާތްތަކުން ކުރާ ދޮގު ތުހުމަތުތަކާއި، އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ވީޑިއޯތަކާއި، ނާގާގެ ހުއްދަނެތި އޭނާގެ ނަމުގައި ވިއްކާ މުދަލާއި، އަދި ބަދުއަހުލާގީ ކޮންޓެންޓްތައް ހިމެނެއެވެ.

ނާގާ އަދި ކުރީގެ އަނބިމީހާ ބަތަލާ، ސަމަންތާ ރޫތު ޕްރަބޫ--ފޮޓޯ/އެންޑީޓީވީ

ނާގާ ކޯޓުގައި އެދުނީ މިފަދަ ކަންކަމުން އެކްޓަރުގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ދިއްލީ ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ނާގާގެ ވަކީލު ވިދާޅުވީ، ބައެއް ކޮންޓެންޓްތަކުގައި ނާގާ އަކީ ސަމަންތާއަށް ބޭވަފާތެރިވެ، ބަތަލާގެ ކެރިއަރު ހަލާކުކޮށްލި މީހެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށެވެ.

ވަކީލު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ނާގަ އަކީ ތެލުގޫ ފިލްމީ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ، ބެލުންތެރިންގެ އިހުތިރާމާއި ލޯބި ހޯދާފައިވާ އެކްޓަރެކެވެ. އެހެންކަމުން ހުއްދަނެތި މިފަދަ ކޮންޓެންޓްތައް އުފައްދައި ފެތުރުމުގެ ސަބަބުން ނާގާގެ އަބުރަށާއި، އަމިއްލަ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ވަކީލު ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ބެއްލެވި ޖަސްޓިސް ސިންގް ފާހަގަކުރެއްވި ގޮތުގައި، އާންމު ރައްޔިތުންނަށް ވުރެ ބޮޑަށް މަޝްހޫރު ފަރާތްތަކަށް ފާޑުކިޔުން އަމާޒުވި ނަމަވެސް، އެކަމުގައި ވެސް ހައްދުތަކެއް އޮންނަންވާނެއެވެ.

ނާގާ މިހާރުގެ އަނބިމީހާ ސޯބިތާ ދޫލިޕާލާއާ އެކު--ފޮޓޯ/އެންޑީޓީވީ

އަޑުއެހުން ނިންމާލަމުން ކޯޓުން ވަނީ ނާގަ ޗައިތަންޔާގެ ޕާސަނަލިޓީ ރައިޓްސް ހިމާޔަތްކުރުމަށް ވަގުތީ އަމުރެއް ނެރެދޭނެ ކަމަށް ބުނެފައެވެ. މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހަށެވެ.

ސަމަންތާއާ ވަރިވި ފަހުން، ނާގާ ވަނީ 2024 ވަނަ އަހަރު ބަތަލާ ސޯބިތާ ދޫލިޕާލާއާ ކައިވެނިކޮށްފައެވެ. އޭގެ ފަހުން ސަމަންތާ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފިލްމު އުފައްދާ ރާޖް ނިދިމޯރޫ އާ ކައިވެނިކޮށްފައެވެ.