ވެހޭ ވާރޭގެ ތެރެއަށް ނުކުތުމަކީ ވެސް ހަށިގަނޑަށް ފައިދާތަކެއް ކުރުވާ ކަމެއް
ވެހޭ ވާރޭގެ ތެރެއަށް ނުކުތުމަކީ ވެސް ހަށިގަނޑަށް ފައިދާތަކެއް ކުރުވާ ކަމެއް

އުޑުމަތި ބަނަވެ، ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭ މޫސުމަކީ، ވަރަށް ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބި ހިތަށް އުފާވެރިކަމެއް ގެނުވައިދޭ ހިތްގައިމު އިހުސާސެއް ކުރުވާ ކަމެކެވެ.

ވެހޭ ވާރޭގެ ތެރެއަށް ނުކުތުމަކީ ވެސް ހަށިގަނޑަށް ފައިދާތަކެއް ކުރުވާ ކަމެއް
ވެހޭ ވާރޭގެ ތެރެއަށް ނުކުތުމަކީ ވެސް ހަށިގަނޑަށް ފައިދާތަކެއް ކުރުވާ ކަމެއް

ސައިންސްވެރިންގެ ދިރާސާތަކުން ދައްކާގޮތުގައި ވާރޭގެ ސަބަބުން އިންސާނާގެ މޫޑު ރަނގަޅުކޮށްދޭ އެތައް ކަމެއް މެދުވެރިވެއެވެ. އޭގެ ތެރޭގައި ޖައްވުގައި ހުންނަ ވިހަ މާއްދާތައް ސާފުކޮށްދިނުމާއި، ހަނދާން އާކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

އެހެންނަމަވެސް، މި ފަދަ އަސަރުތައް މެދުވެރިވާ ސީދާ ސަބަބު ނުވަތަ އެކަން ހިނގާ ގޮތުގެ އިލްމީ ހަގީގަތް ކަށަވަރުކޮށްދޭ އެކަށީގެންވާ ހެއްކެއް އަދި ފެންނާކަށް ނެތެވެ.

އެމެރިކާގެ ޕެންސިލްވޭނިއާގައި ހުންނަ މޮނެލް ކެމިކަލް ސެންސަސް ސެންޓަރުގެ ކޮގްނިޓިވް ސައިންޓިސްޓެއް ކަމަށްވާ ޕޭމް ޑޯލްޓަން ފާހަގަކުރައްވާ ގޮތުގައި، ނެގެޓިވް އަޔަންތަކުގެ ސަބަބުން މީހާގެ މޫޑަށާއި، ވަރުބަލިކަމަށާއި، ހިތުގެ ހިނގުމަށާއި ލޭގެ ޕްރެޝަރަށް ބަދަލު އަންނަ ސީދާ ސަބަބު އަދިވެސް އޮތީ ރަނގަޅަށް ދެނެގަނެވޭ ގޮތް ނުވެފައެވެ.

ރާއްޖޭގެ ރަށެއްގައި ކުދިންތަކެއް ވާރެއާ ތެމި ފުޓްބޯޅަ ކުޅެނީ--ފޮޓޯ/އެކްސް

ޕޭމް ޑޯލްޓަން ވިދާޅުވި ގޮތުގައި، މިއީ ޝައުގުވެރި ކަމެއް ނަމަވެސް، މީގެ ސަބަބުން ހަށިގަނޑުގެ މަސައްކަތްތަކަށް ކުރާ ފައިދާތަކާ މެދު ސައިންސްވެރިންގެ މެދުގައި އެއްބަސްވެވޭ ވަކި ނިންމުމެއް ނެތެވެ.

އަދި ނެގެޓިވް އަޔަންތަކުން މި ފަދަ ބަދަލުތަކެއް މެދުވެރިކުރުވަނީ ހަށިގަނޑުގެ ކޮން ނިޒާމެއްގެ ތެރެއިން ކަން ދެނެގަތުމަށް ކުރެވޭ މަސައްކަތްތަކުން އެނގޭ މިންވަރު އަދި މާ ކުޑައެވެ.

އިންސާނާގެ ނަފްސާނީ ހާލަތަށް ނެގެޓިވް އަޔަންތަކުން ކުރާ އަސަރުތައް ދެނެގަތުމަށް ކުރެވުނު ދިރާސާތައް 1950ގެ އަހަރުތަކުގައި ފެށިފައިވީ ނަމަވެސް، މިކަމާ ގުޅޭ ސާފު ނަތީޖާއެއް ފެންނަން ފަށާފައިވަނީ 1990ގެ އަހަރުތަކުގައެވެ. އެއީ މަތީ ވޯލްޓޭޖްގެ އައަނައިޒަތައް އުފައްދައި، ނެގެޓިވް އަޔަންތައް ކުރިއަށްވުރެ ފުރިހަމައަށް އުފެއްދޭނެ ގޮތްވުމުންނެވެ.

ނަވާރަސަތޭކަ ފަސްވަނަ އަހަރު ކުރެވުނު ފާހަގަކޮށްލެވޭ ދިރާސާއަކުން ދައްކާ ގޮތުގައި، މޫސުމީ ބަދަލުތަކާ ގުޅިގެން ނަފްސާނީ ގޮތުން ދަތިތައް ކުރިމަތިވާ މީހުންނަށް، މަތީ ވޯލްޓޭޖްގެ އައަނައިޒަ ބޭނުންކޮށްގެން ކޮންމެ ދުވަހަކު ފަރުވާ ދިނުމުން، އާދައިގެ ފަރުވާއެއް ދެވުނު މީހުންނަށް ވުރެ ބޮޑަށް އެމީހުންގެ ބަލީގެ އަލާމާތްތައް ކުޑަވެގެންދާކަން ވަނީ ފާހަގަކުރެވިފައެވެ.

ވާރޭވެހުމުގެ ސަބަބުން އުފެދޭ "ނެގެޓިވް އަޔަންސް" ތަކަކީ ވައިގެ ތެރޭގައި ހުންނަ ތަޣައްޔަރުކަން ނުވަތަ އެލާޖީ އުފައްދާ މާއްދާތައް ފަދަ ކުދިކުދި ތިކިތައް ސާފުކޮށްދޭ އެއްޗެއް ކަމަށް ސައިންސްވެރިން ވަނީ ވިދާޅުވެފައި--ފޮޓޯ/ބީބީސީ

މި ދިރާސާ އިސްވެ ކުރެއްވި ކޮލަމްބިއާ ޔުނިވާސިޓީގެ ޕްރޮފެސަރު މައިކަލް ޓެހާން ވިދާޅުވާ ގޮތުގައި، ބޯކޮށް ވާރޭވެހުމުން ވައިގެ ތެރޭގައި އުފެދޭ ނެގެޓިވް އަޔަންގެ މިންވަރަކީ އެ ޓީމުން ބޭނުންކުރި މަތީ ވޯލްޓޭޖްގެ އައަނައިޒަތަކުން އުފައްދާ މިންވަރާ ދާދި އެއްވަރުގެ މިންވަރެކެވެ.

ނަމަވެސް، ވާރޭގައި ހޭދަކުރާ ވަގުތާއި ނަފްސާނީ ހާލަތަށް އަންނަ ބަދަލުތަކާ ދެމެދު އޮތް ސީދާ ގުޅުން މިހާތަނަށް އެއްވެސް ދިރާސާއަކުން ސާބިތުކޮށްދެވިފައި ނުވާކަން މައިކަލް ޓެހާން ފާހަގަކުރެއްވިއެވެ.

ވާރޭވެހުމުގެ ސަބަބުން އުފެދޭ "ނެގެޓިވް އަޔަންސް" ތަކަކީ ވައިގެ ތެރޭގައި ހުންނަ ތަޣައްޔަރުކަން ނުވަތަ އެލާޖީ އުފައްދާ މާއްދާތައް ފަދަ ކުދިކުދި ތިކިތައް ސާފުކޮށްދޭ އެއްޗެކެވެ. މީގެ ސަބަބުން ނޭވާލާން ފަސޭހަވެ، އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ސިއްހަތަށް ރަނގަޅު އަސަރުތަކެއް ކުރެއެވެ.

ވައިގެ ނުސާފުކަމަކީ ހާސްކަމާއި ނަފްސާނީ ބަލިތަކަށް މަގުފަހިކޮށްދޭ ކަމަކަށް ވީހިނދު، ސާފުވައިގެ ސަބަބުން މީގެ އިދިކޮޅު ނަތީޖާ ފެންނާނެކަން ގަބޫލުކުރެވެއެވެ.

ނަފްސާނީ އިލްމުވެރިއެއް ކަމަށްވާ ޑޯލްޓަން ވިދާޅުވާ ގޮތުގައި، މި ނެގެޓިވް އަޔަންސްތަކަކީ ވައިގެ ތެރޭގައި ހުންނަ ހިރަފުހާއި، ބެކްޓީރިއާ އަދި އެލާޖީ އުފައްދާ މާއްދާތައް ނައްތާލުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ. މިއީ ނޭވާލާ ނިޒާމުގެ ދުޅަހެޔޮކަމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ވާރޭގެ ތިކިތަކަކީ ވައި ސާފުކުރުމުގައި ކިހާވަރެއްގެ ދައުރެއް އަދާކުރާ އެއްޗެއްކަން ސާފުވީ މީގެ 10 ވަރަކަށް އަހަރު ކުރިން ހެދި ދިރާސާއަކުންނެވެ. ދެހާސްފަނަރަ ވަނަ އަހަރުގެ މި ދިރާސާގައި، ވާރޭވެހޭ ފަދަ މާހައުލެއް ބިއްލޫރި ގޮޅިއެއްގެ ތެރޭގައި އުފައްދައި، ކުދި ތިކިތަކުން ވައިގެ ތެރޭގައި ހުންނަ ކުނޑިތައް ދަމައިގަންނަ މިންވަރު ބެލިއެވެ. މި ދިރާސާއިން އެނގުނު ގޮތުގައި، ވާރޭގެ ތިކިތައް ކުޑަވި ވަރަކަށް، ވައިގެ ތެރޭގައި ހުންނަ ތަޣައްޔަރު މާއްދާތައް ދަމައިގަތުމުގެ ބާރު ގަދަވެއެވެ.

ޕާޑޫ ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑޭން ޗިޒޯ ވިދާޅުވާ ގޮތުގައި، ވާރޭގެ ތިކިތައް ބިމަށް ފައިބާއިރު، އެ ތިކިތަކުގައި ހުންނަ އިލެކްޓްރިކަލް ޗާޖުގެ ސަބަބުން، ވައިގެ ތެރޭގައި ހުންނަ ކުނޑިތައް ދަމައިގަނެ، "ކޮއިގިއުލޭޝަން" ކިޔާ މަރުހަލާއެއް މެދުވެރިކޮށް ވައި ސާފުކޮށްދެއެވެ. މިއީ އިމާރާތްކުރާ ތަންތަނުގައި ހިރަފުސް ކަނޑުވަން ފެން ޖެހުމުން ވާ ގޮތާ އެއްފަދަ ކަމެކެވެ.

ވާރޭ ބޯކޮށް ވެހޭ ވަރަކަށް ވައި ސާފުވުމުގެ ފުރުސަތު ބޮޑުވެއެވެ. މިކަމުގެ ސަބަބުން، ރުޅިގަދަވުމާއި ހާސްކަން އިތުރުކުރުވާ "ޕޮޒިޓިވް އެއާ އަޔަންސް" ވައިގެ ތެރެއިން މަދުވެގެންދެއެވެ. އެހެންކަމުން، ބޯކޮށް ވާރޭވެހި ހުއްޓާލުމާއެކު ކުޑަދޮރުތައް ހުޅުވާލުމަކީ، ގޭތެރޭގެ ވައިގެ ފެންވަރު ރަނގަޅުކޮށްދީ، ތާޒާކަން ގެނެސްދޭނެ ކަމެކެވެ.

ޔުނިވަސިޓީ އޮފް ގްރީނިޗްގެ ޕްރޮފެސަރު ފިލް ސްޓީވެންސަން ވިދާޅުވާ ގޮތުގައި، އަވިދޭ ދުވަސްވަރު ގަސްގަހާގެއްސާއި ޖަނަވާރުތަކުން ބޭރުވާ މާއްދާތައް ބިމުގެ ފަށަލައިގައި ޖަމާވެފައި ހުރެއެވެ. ވާރޭ ވެހުމުން މި މާއްދާތައް ކުދިކުދި ވެގެން ވައިގެ ތެރެއަށް ފެތުރިގެންދެއެވެ.

މީގެ އިތުރުން، ވައިގެ ތެރޭގައި ހުންނަ އޯޒޯން ގޭސް ބިމާ ގާތަށް ފޭބުމާއި، ބިމުގެ އަޑީގައި އުޅޭ ބެކްޓީރިއާއަކުން އުފައްދާ "ޖިއޯސްމިން" ކިޔާ ކެމިކަލެއްގެ ސަބަބުން ވާރޭވެހުމަށްފަހު ދުވާ މީރުވަހުން އިތުރަށް ފުރިހަމަވެއެވެ.

އިންސާނުންނަކީ މި ވަހަށް ވަރަށް ބޮޑަށް ލޯބިކުރާ ބައެކެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، މިއީ ތާޒާ ފެން ލިބެން އުޅޭކަމުގެ ނިޝާނަކަށް ވާތީ، މި ވަހުގެ ސަބަބުން އިންސާނާއަށް ރައްކާތެރިކަމާއި ހިތްހަމަޖެހުން އިހުސާސްކޮށްދެއެވެ. މި ވަހުގެ ސަބަބުން ސިކުނޑީގެ ރިލެކްސްވުމަށް އެހީތެރިވެދޭ ރާޅުތައް ހަރަކާތްތެރިވެ، އިންސާނާ ހަމައަކަށް އަޅުވައިދެއެވެ.

ހަމައެކަނި ވާރޭގެ ވަހެއް ނޫނެވެ؛ ވާރޭ ވެހޭ އަޑަކީ ވެސް ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ. އޮޑިއޮލޮޖިސްޓް އެމީ ސަރޯ ވިދާޅުވާ ގޮތުގައި، ފެނުގެ އަޑުތަކަކީ އިންސާނާގެ ނާރުތަކުގެ ނިޒާމު މަޑުމައިތިރިކޮށްދޭ އެއްޗެކެވެ. މީގެ ސަބަބުން ހިތުގެ ވިންދު ލަސްވެ، ހާސްކަން ކުޑަވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މަޑުމަޑުން ވެހޭ ވާރޭގެ އަޑުގެ ސަބަބުން ސްޓްރެސް 65 އިންސައްތައާ ހަމައަށް ދަށްކޮށްދެއެވެ. އަދި ބޯކޮށް ވެހޭ ވާރޭގެ އަޑަކީ އެހެނިހެން އުނދަގޫ އަޑުތައް ކަނޑުވާލައި، އަރާމު ނިންޖަކަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

ވާރޭވެހުމަކީ ހަމައެކަނި މޫސުމީ ބަދަލެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ހަށިގަނޑާއި ސިކުނޑިއަށް ލިބޭ އަރާމަކާއި، މާޒީގެ ހަނދާންތައް އާކޮށްދޭ ތަޖުރިބާއެކެވެ.

އެހެންކަމުން، ދެން ފަހަރަކު ވާރޭވެހޭއިރު، އެ ވަގުތުގެ ބޭނުން ހިފައި، އެކަމުން ލިބޭ ހިތްހަމަޖެހުމާ މެދު ފުންކޮށް ވިސްނާލާށެވެ. އޭގެ ނަތީޖާ ތިބާއަށް ހައިރާންކަމެއް ގެނެސްދޭނެއެވެ.