އިންޑިއާއިން ރާއްޖެއަށް ދޭ 100 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން 75 މިލިއަން ޑޮލަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމެޓީގައި އެދިއްޖެ އެވެ.

ޖުލައި މަހު މަޖިލީހުގެ މަސައްކަތްތައް ހުއްޓާލި ފަހުން މާލިއްޔަތު ކޮމެޓީން ފުރަތަމަ ފަހަރަށް މިއަދު ބޭއްވި ބައްދަލުވުމުގައި މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވީ އިންޑިއާ ސަރުކާރުން ދޭން އެއްބަސްވި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ދޭން އިންޑިއާއިން އެއްބަސްވީ ޓްރޭޑް ކްރެޑިޑްގެ ގޮތުގައި ކަމަށާއި އަދި އަނެއް 50 މިލިއަން ޑޮލަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 75 މިލިއަން ޑޮލަރު ބަޖެޓް ސަޕޯޓުގޮތުގައި ބޭނުން ކުރަންދީ ބާކީ އޮތް 25 މިލިއަން ޑޮލަރު ޓްރޭޑް ކުރެޑިޓްގެ ގޮތުގައި ދޫކުރުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ.

"މި ފައިސާ އެގޮތަށް ބޭނުންކުރުމުގެ ހުއްދައަކަށް ފިނޭންސް މިނިސްޓްރީން އަޅުގަނޑުމެންގެ ކިބައިން އެދިފައިވަނީ، މިފައިސާ ރިލޮކޭޓް ކުރަން ވެގެން މިއީ ބަޖެޓްގައި ވެސް ހިމެނިފައި އޮތް ލޯނެއް،" ނާޒިމް ވިދާޅުވި އެވެ.

ބަޖެޓް ސަޕޯޓަށް ޓްރާންސްފާ ކުރާ ފައިސާގެ އިންޓްރެސްޓް ރޭޓަކީ 1.5 ޕަސެންޓް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި އެފައިސާ އަނބުރާ ދައްކަން ޖެހެނީ އެންމެ ފުރަތަމަ ލޯނު ބޭނުން ކުރަންފަށާތާ 10 އަހަރު އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.

ބަޖެޓް ފޮތުގައި ހިމަނާފައިވާ ގޮތުން މީގެ ކުރިން އެ ލޯނުގެ އިންޓްރެސްޓް ނެގޭ ބައިގެ ހިލޭ އެހީގެ މިންވަރަކީ 14.83 ޕަސެންޓެވެ. އަދި އިންޓްރެސްޓް ނުނެގޭ ބައިގެ ގްރާންޓް އެލަމަންޓަކީ 22.49 ޕަސެންޓް ކަމަށް ބަޖެޓް ފޮތުން ދައްކަ އެވެ.

މި މައްސަލައިގައި މެންބަރުން މިއަދު ތިން ނުގުތާއެއްގެ މައްޗަށް ވާހަކަދެއްކެވި އެވެ. އެއީ ޓްރޭޓް ކްރެޑިޑަށް ބޭނުން ކުރަން ކަނޑައަޅާފައިވާ ލޯނުގެ ބައެއް ބަޖެޓް ސަޕޯޓަށް ބޭނުން ކުރުމުން އިންޑިއާއިން މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް ދިމާވާނެ މައްސަލަތަކާ މެދު އެވެ. އަނެއް މައްސަލައަކީ ބަޖެޓްގައި ހިމެނިފައި އޮތް ލޯނެއްގެ ފޯމޭޝަން ބަދަލު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމާ މެދު އުފެދޭ ގާނޫނީ ސުވާލެވެ. މީގެ އިތުރުން ދައުލަތުގެ މާލީ ހާލަތު ދަށް ދުވަސްވަރެއްގައި އެ ލޯނުގެ ބޮޑުބައެއް ބަޖެޓް ސަޕޯޓަށް ބޭނުން ކުރަނީ ކޮން ސަބަބަކާއި ހުރެ ތޯވެސް މެންބަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ އެ މައްސަލައާ މެދު ކޮމެޓީއަށް ގޮތެއް ނިންމޭނީ ފިނޭންސް މިނިސްޓަރު ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ފަހު ކަމަށެވެ. އަދި ކޮމިޝަނާ ޖެނެރަލްގެ ލަފާ އެ މައްސަލައިގައި ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަތޭކަ މިލިއަން ޑޮލަރު ރާއްޖެ އަށް ދިނުމަށް އިންޑިއާ އިން އެއްބަސްވީ މިދިޔަ އަހަރުގެ ސާކް ސަމިޓަށް އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ފައިސާގެ ތެރެއިން 50 މިލިއަން ޑޮލަރު މީގެ ކުރިން އިންޑިއާ އިން ވަނީ ރާއްޖެ އަށް ދީފަ އެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި އޭގެ ތެރެއިން 25 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.