ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރާނެ ބޭފުޅަކާ މެދު ޕީއެންސީގެ ތެރޭގައި މަޝްވަރާކުރެވެމުންދާއިރު ވާދަކުރައްވާނެ މެންބަރުންކަމަށް ވާހަކަދެކެވޭ ބޭފުޅުންގެ ތެރޭ ހިމެނިވަޑައިގަންނަވާ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު، އެ މަގާމަށް ވާދަނުކުރައްވާނެކަން ހާމަކުރައްވައިފިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ފަލާޙު މިކަން ހާމަކުރެއްވީ، މަޖިލީހުގެ ނައިބު ރައީސްކަމަށް އޭނާ ހިމެނޭހެން ތިން ބޭފުޅެއްގެ ނަން އުޅޭކަމަށް ރިޕޯޓުކޮށް "ސަން" އިން ލިޔެފައިވާ ޚަބަރެއް އެކްސްގައި ހިއްސާކުރައްވަމުންނެވެ. ފަލާޙު ވިދާޅުވީ އޭނާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަނުކުރައްވާނެ ކަމަށެވެ.

"ސަން"އަށް މައުލޫމާތު ލިބޭ ގޮތުގައި މި މަގާމަށް ދެން ކުރިމަތިލައްވާނެކަމަށް ވާހަކަދެކެވެމުންދަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

މި ދެ ބޭފުޅުންގެ ބަހެއް ހޯދުމަށް "ސަން" އިން މަސައްކަތް ކުރި ނަމަވެސް، އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ހެނދުނު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ހެނދުނު 9:00 އަށް އެޖެންޑާކޮށްފައި ވަނިކޮށް، ހެނދުނު 8:36 ގައެވެ.

ޕީއެންސީގެ ބައެއް މެންބަރުން މައުލޫމާތު ދޭ ގޮތުގައި، މަޖިލީހުގެ ނައިބު ރައީސްކަމަށް އައްޔަންކުރާނެ ވަކި ބޭފުޅަކާ މެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން އަދި ސީދާ އެންގެވުމެއް ނާންގަވައެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީން ނާޒިމް ވަކިކުރަން ހުށަހެޅީ އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތްކުރި ކަމަށް ބުނެއެވެ. ނަމަވެސް، ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ޖަލްސާ އޮންނާނީ މާދަމާއެވެ.